19 ސެޕްޓެމްބަރ 2017 - 09:44

ލަންޑަން (ސެޕްޓެމްބަރު 19) - މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވުމުގެ ސަބަބުން އެވަޓަންގެ ފޯވާޑް ވޭން ރޫނީ ދެ އަހަރަށް ސަސްޕެންޑް ކުރަން ކޯޓުން ނިންމި ނިންމުން ގަބޫލުކޮށް އޭނާގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެފި އެވެ.
ސްޓޮކްޕޯޓް މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނިންމީ ކާރު ނުދުއްވޭ ގޮތަށް ރޫނީ ދެ އަހަރަށް ސަސްޕެންޑް ކުރުމަށާއި 100 ގަޑިއިރު ހަމަވަންދެން އޭނާ ކޮމިއުނިޓީ ސާވިސް ކުރުމަށެވެ. މި މައްސަލައިގައި އެވަޓަން އިން ވެސް ވަނީ ރޫނީ އަށް ފިޔަވަޅު އަޅައިފަ އެވެ. އެ ކްލަބުން ވަނީ ރޫނީގެ ދެ ހަފްތާގެ މުސާރަ ކަމަށްވާ 300،000 ޕައުންޑް ނުދޭން ނިންމައިފަ އެވެ.
"އަހަރެންނަށް ކުރެވުނު ކުށަށް މައާފަށް އެދެން. މިކަމަށް ޓަކައި އަހަރެންގެ އާއިލާ، މެނޭޖަރު، ޗެއާމަން އަދި އެވަޓަންގެ އެންމެންގެ އިތުރުން ފުޓްބޯޅަ ކެރިއަރުގައި އަހަންނަށް ސަޕޯޓްކުރި އެންމެންގެ ކިބައިން މައާފަށް އެދެން. ކޯޓުގެ ނިންމުން އަހަރެން ގަބޫލުކުރަން. އަދި ކުރެވުނު ކުށަށް ކޮމިއުނިޓީ ސާވިސްގެ ތެރެއިން ރަނގަޅު ބަދަލެއް ގެނެވޭނެ،" އުމުރުން 31 އަހަރުގެ ރޫނީ ނެރުނު ބަޔާނުގައިވެ އެވެ.
މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވަނިކޮށް ރޫނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 1 ވަނަ ދުވަހު އެވެ. ރިޕޯޓްތައް ބުނާގޮތުގައި ރޫނީ ދުއްވީ ބާ އެއްގެ ތެރެއިން އޭނާއާ ދިމާވި އަންހެނެއްގެ ކާރެކެވެ.
ތޭރަ އަހަރަށް ފަހު ރޫނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެވަޓަންއާ ގުޅުނީ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔުނައިޓެޑާ ގުޅުނު އެއްބަސްވުމުގެ ތެރެއިންނެވެ. އެވަޓަން އަށް ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުތަކުގައި ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފަހަކަށް އައިސް އޭނާގެ ކުޅުން ވަނީ ދަށްވެފަ އެވެ.
ކުރީގެ ކްލަބް ޔުނައިޓެޑާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން އެވަޓަން 4-0 އިން ބަލިވިއިރު، ރޫނީ ބަދަލު ކުރުމުގެ ކުރިން މެޗުގެ ނަތީޖާ އަކީ 1-0 އެވެ. މި މެޗުގައި ރޫނީ އަށް ޔުނައިޓެޑް ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.