ކޮފީ އަކީ ހަކުރުބަލި ހުންނަ އަންހެނުންނަށް ރަނގަޅު އެއްޗެއް
ކޮފީ އަކީ ހަކުރުބަލި ހުންނަ އަންހެނުންނަށް ރަނގަޅު އެއްޗެއް

ހަކުރުބަލި ހުރިކަން އެނގުމާ އެކު ނުކުރަންވީ ކަންކަމުގެ ބޮޑު ލިސްޓެއް ވެސް ލިބެ އެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން މި ލިސްޓުގައި ކޮފީ އާއި ސައި ހިމަނައިގެން ނުވާނެ އެވެ. ސަބަބަކީ މި ބުއިންތަކަކީ އުމުރު ދިގުވާ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކާފައި ވާތީ އެވެ. އެއީ ހަކުރުބަލި ހުރި އަންހެނަކަށްވާ ނަމަ އެވެ.

މި ދިރާސާ ބުނާ ގޮތުން ފިރިހެނުންނަކަށް ކެފެއިން ހުންނަ ބުއިންތަކުން މިފަދަ އެއްވެސް ފައިދާއެއް ނުކުރެ އެވެ.

އެގާރަ އަހަރުގެ ދިގު މުއްދަތަކަށް ކުރި މި ދިރާސާ ބުނާ ގޮތުން ހަކުރުބަލި ހުންނަ އަންހެނުން ދުވާލަކު އެއް ތަށި ކޮފީ (100 މިިލިގްރާމް ކެފެއިން) ބުއިމުން ފުރާނައަށް ނުރައްކާވާ މިންވަރު، އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނަށް ވުރެ 51 ޕަސެންޓް ދަށްވެ އެވެ.

"ދުނިޔޭގެ އާބާދީގެ 80 ޕަސެންޓަަށް ވުރެ ގިނަ މީހުން ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރޭ. އެހެންވެ ހިތާއި ސިކުނޑިއާ ގުޅިފައިވާ ނިޒާމުގެ މައްސަލަތަކާއި ކެންސަރު ޖެހުން އަދި އެހެން ވެސް ބައްޔެއް ޖެހިގެން މަރުވާ މީހުންގެ ނިސްބަތާއި ކެފެއިންއާ ހުރި ގުޅުން ހޯދުމަކީ ވަރަށް މުހިއްމު ކަމަކަށް ވެފައި ވަނީ،" މި ދިރާސާގައި ބައިވެރިވި ޕޯޗްގަލްގެ ޕޯޓޯގެ ސައޯ ޖާއޯ ހޮސްޕިޓަލު ސެންޓަރުގެ އެންޑޮކްރައިނޮލޮޖީ ރެސިޑެންޓް ޑރ. ޖައޯ ސާޖިއޯ ނެވީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަހަރުގެ ދިރާސާއިން، ހަކުރުބަލި ހުންނަ އަންހެނުން ކެފެއިން ބޭނުންކުރާ ނަމަ އުމުރު ދިގުވާކަން ވަނީ ސާބިތުވެފަ އެވެ.

"މި ދިރާސާގައި ލަފާދީފައި ވަނީ ހަކުރުބަލި ހުންނަ އަންހެނުން ކެފެއިން އެކުލެވޭ ބުއިންތައް ގިނައިން ބުއިމަށް. އޭރުން އެމީހުންގެ އުުމުރު ދިގުވެދާނެކަމަށް. މިއީ ހަކުރު ބަލި ހުންނަ އަންހެނުންނަށް ވަރަށް ސިމްޕަލް އެހާމެ ސިއްހީ ގޮތުން ފައިދާކުރާ ޚަރަދު ކުޑަ ގޮތެއް،" ޑރ. ނެވީސް ވިދާޅުވި އެވެ.

މި ދިރާސާގައި ރިވިއު ކޮށްފައިވަނީ އެމެރިކާގައި ކުރިން މިފަދަ ދިރާސާއެއް ކުރުމަށް އެއްކޮށްފައިވާ މައުލުމާތެވެ. މިއީ 1999 އާއި 2010 އާ ދެމެދުގެ މުއްދަތެއްގައި 3000 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާ އެކެވެ. މި އެންމެންނަކީ ވެސް ހަކުރު ބަލީގެ ވައްތަރުތައް ކަމަށްވާ ޓައިޕް 1 ޑައިބެޓީސް އާއި ޓައިޕް 2 ޑައިބެޓީސް ހުރި މީހުންނެވެ.

މި މީހުންގެ ސިއްހީ މައުލޫމާތު އެއްކުުރުމުގެ އިތުރުން ރިސާޗަރުން ވަނީ މި މީހުންނާ ސުވާލުކޮށްގެން އެ މީހުން ކެފެއިން އެކުލެވޭ ބުއިންތަކުގެ ތެރޭގައި ހިމެނޭ ކޮފީ އާއި ސައި އަދި ސޮފްޓް ޑްރިންކްސް ބޭނުންކޮށްފައިވާ މިންވަރު ވެސް ބަލައިފަ އެވެ.

ދިރާސާކުރަން ފެށި ފަހުން ހިނގައި ދިޔަ ދުވަސްތަކުގެ ތެރޭގައި ބައިވެރިންގެ ތެރެއިން 600 މީހުން މަރުވެފައިވެ އެވެ.

ސައިންސްވެރިން ފާހަގަކުރި ގޮތުގައި ހަކުރުބަލި ހުރި އަންހެނުން، ކެފެއިން އެކުލެވޭ އެއްޗެހި ގިނައިން ބޭނުންކުރާ ވަރަކަށް އެމީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު ދަށްވެ އެވެ. އެގޮތުން ދުވާލަކު 100 މިލިގްރާމް ނުވަތަ 200 މިލިގްރާމް ކެފެއިން ކޮފީގެ ގޮތުގައި ބޯ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު 57 ޕަސެންޓް ދަށްކުރެވޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި 200 މިލިގްރާމަށް ވުރެ ގިނައިން (ދެ ޖޯޑު ކޮފީ) ބޯ މީހުން ފުރާނައަށް ނުރައްކާވާ މިންވަރު 66 ޕަސެންޓް ދަށްވާ ކަމަށް ދެއްކި އެވެ.

ރިސާޗަރުންބުނީ އެއްކޮށްފައިވާ މައުލޫމާތުތަކުގައި މީހުންގެ ނަސްލާއި އުމުރާއި ތައުލީމީ ފެންވަރާއި އާމްދަނީ ލިބޭ މިންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރާއި ބަރުދަން ހުރި ވަރާއި ލޭގެ ޕްރެޝަރު ހުރި ވަރު އަދި ހަކުރުބަލީގެ ސަބަބުން ކިޑްނީއަށް ގެއްލުން ވެފައިވާ މިންވަރު ވެސް ބަލައި އެ ކަންކަމަށް ވެސް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.