ނަދީމްގެ މަރާ ގުޅިގެން ހަތަރު މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ނަދީމްގެ މަރާ ގުޅިގެން ހަތަރު މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ކެފޭއެއްގެ ތެރޭގައި އިންދައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ،

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ މައްޗަށް ކަމެއް ނުބުނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރިކަން އެނގިފައި ވަނީ އެންމެ މީހެކެވެ. އެއީ މީގެ ކުރިން ފުލުހުން އާއްމުކުރި ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މުހައްމަދު މަފާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގ. ޖެލީ ފިޝްގެ ބަލައި ފާސްކޮށް މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ.

މަފާޒަކީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި އިރު މޮނިކޮން އަމުރުގެ ދަށުން ޓެގް އެޅުވި މީހެކެވެ. އެ އަމުރާ ހިލާފު ވެގެން އޭނާގެ މައްޗަށް ވަނީ ދައުވާކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވެސް އަމުރުކޮށްފަ އެވެ. އޭނާ މިނިވަންވެފައިވަނީ އެ ހުކުމް ތަންފީޒުކުރުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިދިޔަ ޖުލައި 27 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި ޒަހަމްވި ނަދީމް މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮންނެވެ.