30 ޖޫން 2016 - 13:56

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޖެހެމުން އައި މައްސަލަތައް ބޮޑުވެ އެންމެ ފަހުން ޕާޓީގެ ހުރިހާ ބާރެއް މައުމޫން ނެންގެވުމާ އެކު ޕީޕީއެމް ދެ ފަޅި ވެއްޖެ އެވެ.

ރޭ މައުމޫން ވަނީ ބޮޑު ދެ ނިންމެވުމެއް ނިންމަވައިފަ އެވެ. އެއީ ޕާޓީގެ އެއްވެސް ކޮމިޓީއެއް، މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމާއި މިހާރު ޕާޓީގެ ނައިބު ރައީސް އަަބްދުއްރަހީމް އަބްދުﷲ އަށް ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ނުދެއްވުމެވެ.

އަބްދުއްރަހީމަކީ ނައިބު ރައީސްގެ މަގާމަށް މައުމޫން އައްޔަން ކުރެއްވި ބޭފުޅެކެވެ. އިންތިހާބުކޮށްގެން ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އޭނާ ހައްޔަރުކުރުމާ އެކު ޕާޓީގެ މަގާމުން ވެސް ވަނީ ވަކިކޮށްފަ އެވެ.

އަބްދުއްރަހީމަށް ޕީޕީއެމް ހިންގުމުގެ އެއްވެސް ކަމެއް ނުކުރެއްވޭ ގޮތަށް މައުމޫން ފިޔަވަޅު އެޅުއްވީ، ރައީސް ޔާމީން ބޭފުޅުންފުޅުވާ ގޮތަށް ކައުންސިލާއި ކޮމިޓީތައް ބޭއްވުމުގެ ކިރިޔާ ވެސް ފުރުސަތެއް ޕީޕީއެމްގެ ތެރޭގައި އޮތީ އޭނާ ކަމަށް ވާތީ އެވެ.
ޕާޓީގެ ރައީސް ނަމަވެސް އަދި ރާއްޖޭގެ ރައީސްގެ މަގާމަށް ޔާމީން ގެންނެވުމުގެ އެންމެ އިސް އެއް ބާރަކަށް މައުމޫން ވެވަޑައިގެންނެވިކަން ރައީސް ޔާމީންގެ އަރިސް ގިނަ މީހުން މިހާރު ވަނީ ހަނދާން ނައްތާލާފައި ކަމަށް، މައުމޫންގެ ކައިރި މީހުން ބުނެ އެވެ. މައުމޫނަށް އިހުތިރާމް ނުކުރާ ތަނުގައި އެމަނިކުފާނުގެ ބައެއް އެދިވަޑައިގަތުންތަކަށް ފާޅުގައި އަންނަނީ ގޮންޖައްސަވަމުންނެވެ.
އޭގެ އެންމެ ފަހު ހެއްކަކީ އިއްޔެ މަޖިލިހުން ފާސްކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހެވެ. ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތަކާއި ފަޅުފަޅާއި ބިން، ބިޑަކާ ނުލައި ދޭ ގޮތަށް ގެނައި އިސްލާހަށް ވޯޓު ނުދެއްވަން، މައުމޫން ވަނީ ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު އެންމެ ކުޑަވެގެން ޑިޕްލޮމެޓިކް ހަމަތަކެއް ގެންގުޅުއްވުމުގެ ބަދަލުގައި ބައެއް މެމްބަރުން ވަރަށް ފާޅުގައި މައުމޫނަށް ފާޑުކިޔަން ފެށި އެވެ.
"ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވެސް ޕާޓީ ހިންގަވާނީ ރައީސް މައުމޫން. އަބްދުއްރަހީމާ ޕާޓީގެ ކަންކަން ބެލެހެއްޓުން ހަވާލުކުރެއްވީ ރައީސް މައުމޫން އަމިއްލަފުޅަށް، އެ ބާރު މިހާރު ނަންގަވައިފި،" ޕީޕީއެމްގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
- ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީ ހިންގުން
- އެކި މަގާމްތަކުގައި ޕާޓީ ތަމްސީލްކުރުން
- ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުން
- ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ މަގްސަދުތައް ހާސިލްކުރުމަށާއި ޕާޓީ ހިންގަން ބޭނުންވާ އެންމެހާ ކަންކަން ކުރުން
ޕާޓީގެ ހުރިހާ ބާރެއް މައުމޫން ނެންގެވި ނަމަވެސް ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ ރައީސް ޔާމީނަށެވެ. ކައުންސިލްގެ 34 މެމްބަރުންގެ ތެރެއިން 29 މެމްބަރަކު ސޮއިކޮށް މައުމޫނަށް ހުށަހަޅަން ދާދި ފަހުން އުޅުނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވުން އެދި އެވެ. އެކަމަކު ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން މައުމޫން ބޭނުންފުޅެއް ނުވެ އެވެ.
ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާޓީ ހިންގުން ސީދާ މައުމޫންގެ ބެއްލެވުމުގެ ދަށަށް ގެންދެވީ ވަރަށް ގިނަ ކަންކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވުމަށް ފަހު އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، 2018 ގެ އިންތިހާބަށް އަމާޒުކޮށް މަހާސިންތާތައް ބޭއްވުމާއި ޕާޓީގެ އެހެން ވެސް ކަންކަން އެކަމަނާގެ އޮފީހުގައި ކުރިއަށް ގެންދެވުން ހިމެނެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވަކި ބޭފުޅަކު ހަމަނުޖައްސަނީސް ޕާޓީގެ ނަން ބޭނުންކޮށްގެން ކެމްޕޭން ކުރެއްވުމަކީ ޕާޓީ ތެރޭގައި ހިޔާލުތަފާތުވުން އޮތް މައްސަލައެއް ކަމަށެވެ. އެއްވެސް މަހާސިންތާއެއްގައި މައުމޫން، ބައިވެރިވެވަޑައިނުގެންނެވީ ޕާޓީގެ މަސްލަހަތު އެކަމުން ގެއްލޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އަސާސީ ގަވާއިދަށް ބަލާއިރު، މައުމޫންގެ ހުއްދަ ނެތި ނިންމާ އެއްވެސް ނިންމުމެއްގައި ގާނޫނީ ބުރަދަނެއް ނުހުރެ އެވެ.
"ކޮމެޓީއެއް ބޭއްވިއަސް، ކައުންސިލް ބޭއްވިއަސް މައުމޫންގެ ހުއްދަ ހޯދަން ޖެހޭނެ. އެމަނިކުފާނު އެޖެންޑާ ނުކުރައްވާ ކަމެއް ކުރިއަކަށް ނުގެންދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިހާރު މި އޮތީ ޕީޕީއެމަށް ދެން ވާނެ ގޮތް ނޭނގޭ ހިސާބުގަ އެވެ. ރައީސް އޮފީހުގައި ޕާޓީގެ ކައުންސިލް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރެއްވީ އެމަނިކުފާނުގެ ފަރާތްޕުޅުން ދެން ކުރައްވާނެ ކަމެއް ކަނޑައަޅުއްވާށެވެ. ރައީސް ޔާމީނަކީ ވެސް ދޫދެއްވާ ބޭފުޅަކަށް ނުވާތީ ދެން އޮތް ސުވާލަކީ ޕީޕީއެމްގެ ދެ ބައިވުން ދެން ބަދަލުވާނީ ކޮން ހާލަތަކަށް ބާ އެވެ.