19 ސެޕްޓެމްބަރ 2017 - 05:54

ކެރޮލީން ހާޓް އަކީ 67 އަހަރު ވެފައިވާ ހެދުމެއް ލައިގެން ކިންޑަގާޓްން އަށް ދާ ފުރަތަމަ ކުއްޖާއަށް ވެދާނެ އެވެ. ކެރޮލީންގެ މަންމަ ވެސް ކިންޑަގާޓްން އަށް ދިޔަ ފުރަތަމަ ދުވަހު ލީ މި ހެދުމެވެ. އެމެރިކާގެ އެ އާއިލާގެ އެހެން 17 ކުއްޖަކު ވެސް ކަންތައް ކުރީ ހަމަ މިގޮތަށެވެ. އަތުން ފަހާފައިވާ މި ހެދުމަކީ މި އާއިލާގެ ތިން ޖީލުގެ 19 އަންހެންކުދިން ކިންދަގާޓްން އަށް ދިޔަ ފުރަތަމަ ދުވަހު ލާފައިވާ ހެދުމެކެވެ.

ކެރޮލީންގެ ދައްތަ އެލީ ވެސް ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ލީ މި ހެދުމެވެ. އަދި އޭނާ އެކަމާ ވަރަށް އުފާވި ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ނަމަވެސް ކެރޮލީން އެ ހެދުން ލާކަށް އެހާ ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ކެރޮލީންގެ މާމަ އޭނާއަށް އެ އާއިލާގެ ކުދިން އެ ހެދުން ލައިގެން ނަގާފައި ހުރި ފޮޓޯތައް ފޮނުވި އެވެ. އެ ފޮޓޯތައް ބަލާފައި، ޚާއްސަކޮށް އޭނާގެ މަންމަ ކުޑައިރު އެ ހެދުން ލައިގެން ހުއްޓާ ނަގާފައި ހުރި ފޮޓޯ ފެނިފައި ކެރޮލީން ވެސް އެ ހެދުން ލާން އެއްބަސްވީ އެވެ. އަދި އެއީ ވަރަށް ކޫލް ސަގާފަތެއް ކަމަށް ކެރޮލީން އަށް ގަބޫލު ކުރެވުނީ އެވެ. ނަމަވެސް މި ހެދުމާއެކު އިސްތަށިގަނޑު ބަހައްޓާ ޚާއްސަ ގޮތަކަށް އިސްތަށިގަނޑު ހަދާކަށް ކެރޮލީން އެއްބަހެއް ނުވި އެވެ. މިއީ ވެސް މި އާއިލާއިން ގެންގުޅޭ ސަގާފަތެކެވެ. އެ ހެދުން ލުމަށް ފަހު އިސްތަށިގަނޑަށް ވެސް ހަދަން ޖެހެނީ ވަކި ޚާއްސަ ގޮތެކެވެ.

ކެރޮލީންގެ މަންމަ ބުނި ގޮތުގައި އޭނާއަށް ބޮޑުދައިތަ ކިޔާ ސިލްވީ އެ ހެދުން ލައްވަން ޖެހުނީ އައިސްކްރީމް ދީގެން ވަރަށް ހައްދައިގެންނެވެ.
މި ހެދުމަކީ ކެރޮލީންގެ މާމަ އޭނާގެ ބޮޑުދައިތަ މާތާ އެސްޗް ފުރަތަމަ ދުވަހު ސްކޫލަށް ދާން 1950 ގައި އަތުން ފަހާފައި އޮތް ހެދުމެކެވެ.
ހާޓް ބުނި ގޮތުގައި އެ އާއިލާއިން އެ ކަހަލަ ބައެއް ސަގާފަތް މިއަދާ ހަމައަށް ވެސް ދަަމަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި އެކަކު ބޭނުންކޮށްފައި ހުންނަ އެއްޗެހި އަނެކަކަށް ދީގެން ޖީލުތަކަށް އެ ތަކެތި ދެމެހެއްޓުން ހިމެނޭ ކަމަށް ބުންޏެވެ.
"އަހަރެންގެ އަތުގައި ވެސް އަހަރެންގެ މަންމަ އާއި މާމަ ދީފައި ހުރި އެފަދަ ބައެއް އެއްޗެހި އެބަހުރި. އެއީ އާއިލާގެ މެމްބަރުންގެ ހަނދާންތައް ދެމެހެއްޓުމަށް ވެސް ވަރަށް ރަނގަޅު ގޮތެއް. އަދި އާއިލާގެ ސަގާފަތްތައް ކުދިންނަށް ދަސްކޮށްދީ އެކަމަށް ފަޚުރުވެރި ކުރުވައި އާއިލީ ގުޅުން ވަރުގަދަ ކުރުމަށް ވެސް ވަރަށް ރަނގަޅު ކަމެއް،" އޭނާ ބުންޏެވެ.
ހެދުން ފެހިތާ 67 އަހަރުވީއިރު އެ ހެދުން ހަލާކުނުވާ ގޮތަށް ބެލެހެއްޓީ ކިހިނެއް ހެއްޔެވެ؟ ކެރޮލީންގެ މަންމަ ބުނީ ގިނަ އަހަރު ތަކެއް ވަންދެން އެ ހެދުން ފަރުވާތެރި ކަމާ އެކު ބެލެހެއްޓީ އޭނާގެ މަންމަ ހެލަން ކަމަށެވެ. އަދި ހެދުމުގައި ފަށުވިން މާޖަހާފައި ވަނީ ވެސް އޭނާގެ މަންމަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ މަންމަ އުޅެނީ އެހެން އަވަށެއްގައި. ކޮންމެ ފަހަރަކުވެސް ކުއްޖަކު އެ ހެދުން ލާން ވުމުން މަންމަ އެ ހެދުން ފޮނުވަދޭނެ. ދެން އެ ކުއްޖާ ލާފަ އަނެއްކާވެސް މަންމައަށް ހެދުން އަނބުރާ ފޮނުވަނީ. ޓީޗަރު ކައިރީގައި ވެސް ބުނަން ހެދުން ހަޑިވާ ކަހަލަ އެއްވެސް ކަމެއް ކުރަންޏާ ހެދުން ބަދަލު ކުރުވައްޗޭ. މިއަހަރު ކެރޮލީން އައީ ހެދުމަށް ސްޓްރޯބެރީ ޖޫސް އަޅައިގެން،" ކެރޮލީންގެ މަންމަ ބުންޏެވެ.
ހާޓް ބުނި ގޮތުގައި ވަރަށް މަޑުމަޑުން ދޮވެލައިގެން ނަސީބަކުން އެ ޖޫހުގެ ކުލަ ހެދުމުން ފިލައިފި އެވެ. އަނެއްކާވެސް މިހާރު އެ ހެދުން ވަނީ ރައްކާ ކޮށްފަ އެވެ. އިތުރު ތިން ކުއްޖަކު ކިންދަގާޓްން އަށް ދާ ދުވަސް ކައިރިވަމުން ދާތީ އެ ހެދުން ލާން އެ ކުދިން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެއީ ދެ އަހަރާއި ތިން އަހަރު އަދި ހަތަރު އަހަރުގެ ކުދިންނެވެ.