19 ސެޕްޓެމްބަރ 2017 - 10:23

އާސަންދައިގެ ހިދުމަތް ދޭ ފާމަސީތަކުން އިތުރު ފީތަކެއް ނެގުމަށް އެންސްޕާ އިން މަޝްވަރާ ކޮށްފި އެވެ.
ދާދި ފަހުން އެންސްޕާ އިން ވަނީ ފާމަސީ ހިންގާ ފަރާތްތަކާ ބައްދަލުކޮށް އާސަންދައިގެ ހިދުމަތް ބޭނުންކުރާ ފާމަސީލަތުން ފީތަކެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
ޕާމަސީ ހިންގާ ފަރާތަކުން "މިހާރު"އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ހިލޭ ބޭނުންކުރާ އާސަންދަ ޕޯޓަލް ބޭނުންކުރާ ފަރާތްތަކުގެ އަތުން 3500 ރުފިޔާ އަދި ޕޯޓަލް ބޭނުން ނުކުރާ ފާމަސީތަކުން 7000 ރުފިޔާ ނެގުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާސަންދައިގެ ހިދުމަތް ދޭ ފާމަސީތަކުން ރަޖިސްޓްރީ ފީއެއް ނެގުމަށް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ފަރާތުން ބުންޏެވެ.
ފާމަސީ ހިންގާ ފަރާތްތަކުން ވަނީ އާސަންދަ އަށް ބިލް ކުރުމުން، އެތައް މަސްތަކެއް ވާއިރު ވެސް އެ ބިލްތަކަށް ފައިސާ ނުލިބޭ އިރު އިތުރު ފީއެއް ނަގަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވީ އުސޫލްތަކެއް ކަނޑައެޅުމަށާއި އަގުތަކެއް ނެގުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ކަމަށް އަދި ވަކި ގޮތްތަކެއް ނުނިންމާ ކަމަށެވެ.
"އުސޫލްތަކެއް ތައްޔާރު ކުރަން މަޝްވަރާ ކުރަން ނިންމީ. ފީއެއް ނަގާނެ ވަރު އަދި ވަގި ގޮތެއް ނުނިންމާ،" އައްޒާމް ވިދާޅުވި އެވެ.
މަޝްވަރާ ކުރެއްވި ކަންތަކާއި ނަގާ އަގުތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ އެ އުސޫލްތައް ހަމަޖެހުނުހާ އަވަހަކަށް ގެޒެޓް ކުރާނެ ކަމަށެވެ.