18 ސެޕްޓެމްބަރ 2017 - 15:31

ދޯހާ (ސެޕްޓެމްބަރު 18) - ހަނގުރާމަ މަތީ 25 ޓައިފޫން ޖެޓް އިނގިރޭސި ވިލާތުން ގަތުމުގެ އެއްބަސްވުމެއް ގަތަރުން ގާއިމްކޮށްފި އެވެ.
މިއީ ގަތަރާ ދެކޮޅަށް ގަލްފުގެ ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާ، ސިޔާސީ ގުޅުން ކަނޑާލި ފަހުން ހަނގުރާމަ މަތީ ޖެޓް ގަންނަން ގާއިމްކުރި ދެ ވަނަ އެއްބަސްވުމެވެ. އެއްބަސްވުމުގައި ގަތަރުގެ ފަރާތުން ވަނީ ޑިފެންސް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މައިކަލް ފެލޮން ސޮއި ކުރައްވައިފަ އެވެ.
ޔޫރޯފައިޓާ ޓައިފޫން އަކީ އިނގިރޭސި ވިލާތުގެ ޑިފެންސް ގްރޫޕް ބީއޭއީ ސިސްޓަމްސް އާއި ފްރާންސްގެ އެއާބަސް އަދި އިޓަލީގެ ފިންމެކާނިކާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. ބީއޭއީ އިން 2014 ވަނަ އަހަރު ވަނީ 72 ޓައިފޫން ޖެޓް ސައުދީ އަރަބިއާ އަށް ވިއްކަން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ އަގު ހަ ބިލިއަން ޑޮލަރަށް އަރަ އެވެ.
ގަތަރަށް ޖެޓް ވިއްކަން ގާއިމްކުރި އެއްބަސްވުމުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.
ގަތަރުން ވަނީ އެފް-15 ގެ ހަނގުރާމަ މަތީ ބޯޓު ގަތުމުގެ އެއްބަސްވުމެއް ޖޫން މަހު އެމެރިކާއާ އެކު ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުމުގެ އަގަކީ 12 ބިލިއަން ޑޮލަރެވެ. އަދި 2016 ވަނަ އަހަރު ވަނީ 24 ޑަސޯލްޓް ރަފޭލް ފައިޓާ ޖެޓް ގަތުމުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުމުގެ އަގު، އަށް ބިލިއަން ޑޮލަރު އަރަ އެވެ.