30 ޖޫން 2016 - 11:53

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި 75 ރަށަކުން ބައިވެރިވެއްޖެ އެވެ.
މިއީ މިދިޔަ އަހަރަށް ވުރެ ތިން ރަށް މަދު އަދަދެކެވެ. މިދިޔަ އަހަރު އަލަށް ތައާރަފްކުރި މުބާރާތުގައި 78 ރަށަކުން ބައިވެރިވި އެވެ.
އަންނަ މަހު 26 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ މި މުބާރާތުގައި އެއް އަތޮޅަކުން އެންމެ ގިނަ ޓީމު ބައިވެރިވެފައިވަނީ ތ. އަތޮޅުންނެވެ. އެ އަތޮޅުން ނުވަ ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެންމެ މަދުން ބައިވެރިވެފައިވަނީ ޏ އަތޮޅާއި ވ އަތޮޅުންނެވެ. މި ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ.
އެފްއޭއެމުން ބުނީ އެންމެ ޓީމަކުން ބައިވެރިވި ދެ އަތޮޅުގައި އަތޮޅު މުބާރާތް ނޯންނާނެ ކަމަށާއި އެ ދެ ޓީމު އޮޓަމެޓިކުން ޒޯން މުބާރާތަށް ކޮލިފައިވާނެ ކަމަށެވެ. އަދި ދެ ޓީމު ބައިވެރިވި އަތޮޅު ތަކުގައި ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ފައިނަލެއް ކަމަށް އެފްއޭއެމުން ބުނެ އެވެ.
މި ފަހަރުގެ މުބާރާތަށް ގެނެވުނު ބަދަލުގެ ދަށުން ދެ ޓީމަށް ވުރެން ގިނަ ޓީމު ބައިވެރިވާ އަތޮޅުތަކުގެ އަތޮޅު މުބާރާތް ކުޅޭނީ ކޮންމެ ވެސް އެއް ރަށެއްގަ އެވެ. އަތޮޅު މުބާރާތް ހޯސްޓުކުރުމަށް ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމަށް އެފްއޭއެމުން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އަތޮޅު މުބާރާތަށް ފަހު އޮންނަ ޒޯން މުބާރާތް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެ އަށް ފަހު ދެން ފައިނަލް ބުރު ކުޅޭނެ ވަކިތަނެއް އެފްއޭއެމުން އަދި ނުނިންމަ އެވެ.
މުބާރާތުގައި ބައިވެރިވާ ރަށްތަކުން ޓީމު ލިސްޓު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ 15:00ގެ ކުރިންނެވެ. ޓީމު ލިސްޓުގައި 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިން ހިމަނަންޖެހެ އެވެ.