18 ސެޕްޓެމްބަރ 2017 - 18:22

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ނަމުގައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން އާ ކެމްޕަހެއް މާލޭގައި ރޭ ހުޅުވައިފި އެވެ.

އާޓް ގެލަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޭއެމް ބިޒްނަސް ސްކޫލްގެ މާލޭގެ ކެމްޕަސް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ.

އެ ރަސްމިއްޔާތުގައި ނަޒީރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުތަކުގައި ތައުލީމީ ދާއިރާ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. އެގޮތުން މިހާރު ރާއްޖޭގައި ދެ ޔުނިވަސިޓީ އާއި ނުވަ ކޮލެޖު އަދި މަތީ ތައުލީމު ފޯރުކޮށްދޭ 66 މަރުކަޒެއް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތަންތަނުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ ކަން ވެސް ނަޒީރު ފާހަގަކުރެއްވި އެވެ.
މަތީ ތައުލީމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، ކުރިއަށް އޮތް ފަސް އަހަރުގެ މަސައްކަތްތައް އެކަށައަޅައި މާސްޓާ ޕްލޭނެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"ވަރަށް އަވަހަށް މާސްޓާ ޕްލޭނުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސެންޓަރުތަކާއެކު ތަފާތު ޕްރޮގްރާމްތައް ފަށާނެ. އެ މަސައްކަތް މިދަނީ ކުރަމުން. ވަރަށް އަވަހަށް އެކޯސްތައް އިއުލާން ކުރާނެ. މިހުރިހާ ސްކޯލާޝިޕެއް އަމާޒުވެފައި ވަނީ ރާއްޖޭގައި ހުރި ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި މަރުކަޒުތަކަށް،" އޭނާ ވިދާޅުވި އެވެ.
އެމްއޭއެމްގެ ސީއީއޯ އާދިލް ރަޝީދު ވިދާޅުވީ އެމްއޭއެމް ބިޒްނަސް ސްކޫލުގެ އަމާޒަކީ ހެޔޮއަގެއްގައި އޮށްޓަރު ހުރި ތައުލީމެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެތަނުން ހިންގާ ކޯސްތަކަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެ އަށް މަންފާ ކުރަނިވި ޕްރޮގްރާމްތަކަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއޭއެމް ބިޒްނަސް ސްކޫލުން ކޮންމެ އަހަރަކު ފަސް ސްކޮލަޝިޕް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއޭއެމްގެ ރަޖިސްޓްރާ ޝަހުމާ އަބްދުއްރަހުމާން ވިދާޅުވީ، އާ ކެމްޕަހުން ތައުލީމް ފޯރުކޮށްދޭނީ ޒަމާނީ ވިސްނުންތަކާ އެކު ކަމަށެވެ. އަދި ބޭނުންތެރި ހަ ދާއިރާ އަކުން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ ޚާއްސަ ޕްރޮގްރާމަކަށް އަޅުގަނޑުމެން ހިންގަން ގަސްދުކުރަނީ އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން. އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާވަމުން އައި ހަލުވިކަމާއެކު މީގެ މުހިންމުކަން ވަރަށް ބޮޑު،" ޝަހުމާ ވިދާޅުވި އެވެ.
އެއީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސުން ފަރުމާކޮށްފައިވާ އަދި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާ އިން ހިންގަން ނިންމާފައި ވަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ކަމަށް ޝަހުމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކަކީ ފަސް މަސް ދުވަހުގެ ކޯސްތަކެއް ކަމަށާއި ސެޓްފިކެޓު ލެވެލް ހަތަރަކާއި ޑިޕްލޮމާ ކޯސްތަކުގެ މުއްދަތަކީ އެއް އަހަރު ކަމަށެވެ.
ޝަހުމާ ވިދާޅުވިގޮތުގައި، ލެވެލް ހައެއްގެ ގެ ކޯސްތައް ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ރޭ އިފުތިތާހު ކުރި ކޯސްތައް އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ކަމަށާއި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޝަހުމާ ވިދާޅުވިއެވެ.
ކޯސްތަކަށް ވަނުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މެރިޓައިމް އެކަޑަމީން އާ ކެމްޕަހެއް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ އެކަޑަމީގެ ދެ ކެމްޕަހެއް ނ. ލަންދު އާއި އެ އަތޮޅު ހެނބަދޫގައި މިހާރު ވެސް ހިންގަ އެވެ.