19 ސެޕްޓެމްބަރ 2017 - 05:52

އަންނަ އަހަރު ބާއްވާ 90 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ޕާކިސްތާނުން "ސާވަން" ހުށަހަޅާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިލީޒްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މޮޅު ފިލްމެކެވެ. ވަރަށް އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ "ސާވަން" އަކީ އުމުރުން ނުވަ އަހަރުގެ ނުކުޅެދޭ ފިރިހެން ކުއްޖަކު (ކަރަމް ހުސައިން) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ބައްޕަ ކަރަމް އެއްލައިމުން އެނބުރި މަންމަ ގާތަށް އޭނާ ދާން ކުރާ މަސައްކަތް ދައްކުވައިދޭ "ސާވަން" ވަނީ މެޑްރިޑް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްގެން ވެސް އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމްގެ އެވޯޑް ހޯދައިފަ އެވެ. މީގެ އިތުރުން އިޓަލީގައި ބޭއްވި ސޯޝަލް ވޯލްޑް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ފިލްމްގެ އެވޯޑާއި "ސަވަން" ގެ ޑައިރެކްޓަރު ފަރްހާން އަލަމް އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.
"ސާވަން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސަލީމް މައިރާޖް، ތިޕޫ ޝަރީފް، އިމްރާން އަސްލަމް އަދި ނަޖީބާ ފާއިޒް އެވެ.
ފަންސާސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާނުން އޮސްކާގައި އަލުން ވާދަ ކުރަން ފެށީ 2013 އިން ފެށިގެންނެވެ.
ނަމަވެސް ފިލްމެއް ބައިވެރިކޮށްގެން މިހާތަނަށް ޕާކިސްތާނަށް އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީން ނޮމިނޭޝަނެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެކަމަކު ޑޮކިއުމަންޓްރީ ކެޓަގަރީން ދެ ފަހަރެއްގެ މަތިން ނޮމިނޭޓްވި އެވެ.
މިދިޔަ އަހަރު ބޭއްވި 89 ވަނަ އޮސްކާ އެވޯޑްގައި އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަކަށް ހޮވުނީ އިރާންގެ "ދަ ސޭލްސްމޭން" އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 4 ގަ އެވެ.