ޖޫހީ އާއި ސަޗިންގެ އަށް އަހަރުވީ ކައިވެނި ނިމުމަކަށް
ޖޫހީ އާއި ސަޗިންގެ އަށް އަހަރުވީ ކައިވެނި ނިމުމަކަށް

ސްޓާ ޕްލަސް އިން ދެއްކި "ކުމްކުމް" ބަތަލާ ޖޫހީ ޕަރްމާރް އާއި ފިރިމީހާ އަދި ޓީވީ އެކްޓަރު ސަޗިން ޝްރޮފް ވަރިވާން ކޯޓަށް ދާން ގަސްތުކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފި އެވެ.

އެ ނޫހުން ބުނި ގޮތުގައި އެ ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހި ވަކިން ދިރިއުޅޭތާ ވެސް މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި އެ ދެ މީހުންނަށް ލިބިފައިވާ އަންހެންދަރިފުޅު ސަމައިރާ ބެލުމާ ހަވާލުވެގެން އުޅެެނީ ޖޫހީ ކަމަށްވެ އެވެ.

ޖޫހީ އާއި ސަޗިންގެ ކައިވެނީގެ މައްސަލަތައް ޖެހިގެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް ކޮންމެ ފަހަރަކު އެ ދެ ތަރިން އެ ވާހަކަތައް ދޮގު ކުރެ އެވެ.

އެ ދެ މީހުންގެ ގާތް މީހަކު ޓައިމްސް އޮފް އިންޑިޔާއަށް ކިޔައިދީފައިވާ ގޮތުގައި ކައިވެނި ކުރިތާ ފުރަތަމަ އަހަރުތަކުގައި ދެ މީހުން އުޅުނީ ވަރަށް ގުޅިގެން އެކުވެރިކޮށެވެ. ނަމަވެސް ގިނަ ދުވަސްވީ ވަރަކަށް މައްސަލަ ޖެހެމުން ގޮސް މިހާރު ވަނީ އަލުން ނުގުޅެވޭ ވަރަށް މައްސަަލަ ގޯސްވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީވީ ބެލުންތެރިންނަށް ޖޫހީ މަޝްހޫރުވެގެން ދިޔައީ "ކުމްކުމް" އިންނެވެ. އެ ޝޯގައި ކުމްކުމްގެ ރޯލު ޖޫހީ ގިނަ ދުވަސްތަކެއް ވަންދެން އަދާކުރި އެވެ. އޭނާ އާއި ސަޗިން ފުރަތަމަ ބައްދަލުވީ ވެސް ޓީވީ ސިލްސިލާއެއްގެ ޕައިލެޓް އެޕިސޯޑެއް ކުޅެން އުޅުމުގެ ތެރޭގަ އެވެ. އެ ސިލްސިލާއެއް ވުޖޫދަށް ނައި ނަމަވެސް ސަޗިން އާއި ޖޫހީގެ ގުޅުން ބަދަހިވި އެވެ. އަދި މީގެ އަށެއްކަ އަހަރު ކުރިން 2009 ގައި ދެ މީހުން ވަނީ ކައިވެނި ކޮށްފަ އެވެ. ކައިވެންޏަށް ފަހު ބައެއް ރިއަލިޓީ ޝޯތަކުގައި ދެ މީހުން ބައިވެރިވެފައިވެ އެވެ.

ދާދިފަހުން ވަނީ ޖޫހީގެ އާ ޝޯއެއް ލޯންޗުކޮށްފަ އެވެ. އެއީ "ކަރަމްފަލް ދާތާ ޝާނީ" ކިޔާ މައިތޮލޮޖިކަލް ޝޯ އެކެވެ.