"ބާޣީ 2" އަށް ޓައިގާ ޝްރޮފް ބޯ ބޭލީތަ؟
"ބާޣީ 2" އަށް ޓައިގާ ޝްރޮފް ބޯ ބޭލީތަ؟

"ދަ ފްލައިން ޖެޓް" އާއި "މުންނާ މައިކަލް"ގެ ނާކާމިޔާބީ އަށް ފަހު ޓައިގާ ޝްރޮފް މިހާރު ތައްޔާރުވަނީ "ބާޣީ 2" އަށެވެ. މި ފިލްމު މޮޅު އެއްޗަކަށް ހެދުމަށް ޓައިގާ ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން މި ފިލްމުގެ ޝޫޓިން އިންޑިއާގެ ޕޫނާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގެ ބަތަލާ އަކީ ޓައިގާގެ ހަގީގީ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ. ޑައިރެކްޓްކުރަނީ އަހުމަދު ޚާނެވެ.

މުމްބައި މިރާގައި ބުނެފައިވާ ގޮތުން މި ފިލްމުގައި ޓައިގާ ހުންނަނީ ބޯ އެއްކޮށް ބާލައި ތަކަކޮށްފަ އެވެ. އާއްމުކޮށް ދިގު ބުޅި އިސްތަށިގަނޑެއް ލާފައި ހުއްޓާ ފެންނަ ޓައިގާ އަކީ މިގޮތަށް ފިލްމެއް ކުޅެން ބޯ ބޭލި ހަމައެކަނި އެކްޓަރެއް ނޫނެވެ. މީގެ ކުރިން ރަންވީރު ސިންގް ވަނީ "ބާޖީރާއޯ މަސްތާނީ" ކުޅެން ބޯ ބާލައިފަ އެވެ. އަދި ޝާހިދު ކަޕޫރު ވެސް "ހައިދަރް" ކުޅުމަށް ބޯ ބޭލި އެވެ.

މި ފަހަކަށް އައިސް ޓައިގާ ފެންނަނީ އަބަދުވެސް ބޮލުގައި ކަޅު ތާކިހަލެއް ކަަަހަލަ އެއްޗެއް އަޅާފައި ހުއްޓަ އެވެ. މި ހަފުތާ ބަންދުގައި ރޭމޯ ޑިސޫޒާގެ "ޑާންސް ޕްލަސް 3" ގައި ޓައިގާ ބައިވެރިވި އިރުވެސް ކަޅު ތޮތްޕެއް ކަހަލަ އެއްޗެއް ބޮލުގައި ހުރީ އަޅާފަ އެވެ. އޭނާ ބޯ ބާލާފައި ހުރި ވާހަކަ މިހާ ގަދަޔަށް ދެކެވެނީ ފަހަކަށް އައިސް އޭނާ ބޮލުގައި އެއްޗެއް އަޅައިގެން ހުއްޓާ ނޫނީ ނުފެންނާތީ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ނުކުތް "ބާޣީ" އަކީ ޓައިގާގެ އެންމެ ކާމިޔާބު ފިލްމެވެ. އެއީ މިދިޔަ އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ވެސް ބޮކްސް އޮފީހުގައި ވެސް އެންމެ ރަނގަޅު ކާމިޔާބެއް ހޯދި އެއް ފިލްމެވެ. އެހެންވެ އެ ފިލްމުގެ ސީކުއަލްއެއްގައި ފުރަތަމަ ފިލްމުގައި ހިމެނުނު އެކްޝަން މަންޒަރުތަކަށް ވުރެ ވެސް މާ މޮޅު މަންޒަރުތަކެއް ހިމަނަން ޓައިގާ ބޭނުންވެ އެވެ. އެގޮތުން އޮރިޖިނަލްގައި ނުފެންނަ ބައެއް ބިރުކުޑަ ސްޓަންޓްތައް މި ފިލްމުގައި އޭނާ ހަދާނެ އެވެ. އަދި އެކަމަށްޓަކައި އޭނާ އަންނަނީ ވަރަށް ގަދަޔަށް ތަމްރީނުތައް ވެސް ހަދަމުންނެވެ.