18 ސެޕްޓެމްބަރ 2017 - 12:41

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކަށް ފަނޑިޔާރު ޝުޖާއު އުސްމާނު ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މިއަދު އިތުރު އަޑުއެހުމެއް ބާއްވަން އުޅުނީ އެ މައްސަލަ ބެލި ބެންޗަށް ބަދަލު ގެނެސްފައިވާތީ އެވެ. އެކަމަކު ހެނދުނު ބާއްވަން އޮތް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކަށް ޝުޖާއު އުސްމާނު ހަމަޖައްސާފައިވަނީ ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގަ އެވެ. ޝުޖާއު އުސްމާނަކީ ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރެކެވެ. އެކަމަކު ސުޕްރީމް ކޯޓުން ހަމަޖެއްސި ގޮތުގެ މަތިން، ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މިވަގުތު މަސައްކަތް ކުރައްވަނީ މާލޭގެ ހައި ކޯޓުގަ އެވެ.
ފާރިސްގެ މައްސަލަ ބަލާ ބެންޗުގައި ފަނޑިޔާރު ޝުޖާއުގެ އިތުރުން ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ވެސް އެ ބެންޗުގައި ތިއްބެވި ބޭފުޅުންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން އުޅުމަށް ފަހުު ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ ހުކުމް އިއްވުމުގެ ކުރިން އިތުރު އަޑުއެހުމެއް އާންމުކޮށް ބާއްވާނެ އެވެ.
ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އަދި ނުފަށަ އެވެ.