18 ސެޕްޓެމްބަރ 2017 - 12:38

ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލާގައި ސަސްޕެންޑްކުރި ވަކީލުންގެ ތެެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިއަދުން ފެށިގެން އުވާލައިފި އެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 54 ވަކީލަކު ސަސްޕެންޑްކުރީ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނި ގޮތުގައި އެ ވަކީލުން ސަސްޕެންޑްކުރީ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ޣައިރު ގާނޫނީ ގޮތެއްގައި އެއްވުމާއި ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރި މައްސަލަ ބަލާތީ އެވެ.
އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލީ އެ ފަރާތްތަކުގެ މައްސަލަ ބެލުމަށް ފަހު ކަމަށް ޑީޖޭއޭއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލީ ސަސްޕެންޑްކުރި ވަކީލުންގެ ހައްގުގައި އިތުރު ވަކީލުންތަކާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވައި، ޕެޓިޝަނެއް އިއްޔެ ހުށަހަޅުއްވާފައި ވަނިކޮށެވެ.
ފާއިޒުގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ޚާއްސަ މަޖިލީހުުގެ ނައިބު ރައީސް އަދި މަޝްހޫރު ވަކީލް ޝާހީން ހަމީދު ވެސް ވަނީ ސަސްޕެންޑްކުރި ވަކީލުން ހައްގުގައި އެ ޕެޓިޝަންގައި ސޮއި ކުރައްވައިފަ އެވެ.
އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެ ނިިންމުމަށް ތައުރީފްކޮށްފަ އެވެ.