ނޯތު ކޮރެއާގެ އުޅުމަށް ބަދަލު ނުގެނެސްފި ނަމަ އެ ގައުމު ނައްތާލަން ޖެހިދާނެ: އެމެރިކާ
ނޯތު ކޮރެއާގެ އުޅުމަށް ބަދަލު ނުގެނެސްފި ނަމަ އެ ގައުމު ނައްތާލަން ޖެހިދާނެ: އެމެރިކާ

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 18) - ނޯތު ކޮރެއާ އިން މިހާރު އެ އުޅޭ ގޮތަށް އުޅެމުންދާ ނަމަ އެ ގައުމު ނެތިކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިއްކީ ހޭލީ ދެއްވައިފި އެވެ.

އެކަމަނާ ވިދާޅުވީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އދ. ގެ ސަލާމަތީ މަޖިލީހުން ކުރާނެ ކަންތައް ހުސްވެއްޖެ ކަމަށެވެ. އަދި އެމެރިކާ އިން ދެން ޖެހޭނީ ޕެންޓަގަނާ ދިމާލަށް އެނބުރެން ކަމަށް ވިދާޅުވި އެވެ. އެކަމަނާ އެ އިޝާރާތް ކުރެއްވީ ނޯތު ކޮރެއާ މައްސަލަ ޑިފެންސް މިނިސްޓަރު ޖޭމްސް މަޓިސް އަށް ހަވާލު ކުރާ ވާހަކައަށެވެ.

ނޯތު ކޮރެއާގެ ނިއުކްލިއާ ބޮމުގެ ޓެސްޓާ ގުޅިގެން މަޓިސް ވިދާޅުވެފައި ވަނީ އެ ގައުމުގެ ކޮންމެ ބިރަކަށް އެމެރިކާ އިން ޖަވާބު ދޭނީ ބާރުގަދަ އަސްކަރީ ރައްދަކުން ކަމަށެވެ.

ހޭލީ ވިދާޅުވީ ނޯތު ކޮރެއާ އިން ބިރު ދެއްކުމުގެ އިންޒާރުދީ މިސައިލް ޓެސްޓްތައް ކުރަމުން ގެންދާ ނަމަ އެމެރިކާ އިން ވެސް އަމިއްލަ އަށް ދިފާއުވާން ޖެހޭނެ ކަމަށާއި އެމެރިކާގެ ބައިވެރިން ވެސް ދިފާއު ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް ކަންތައް ކުރާ ނަމަ ނޯތު ކޮރެއާ ހަލާކުކޮށްލަން ޖެހޭނެ ކަމަށާއި އެކަމަކު އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތް ނޫން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އެޗްއާރު މެކްމާސްޓާ ވިދާޅުވީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ޖެހޭނީ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ކަމަށާއި އަދި އެމެރިކާ ރައްޔިތުންނަށް ނިއުކްލިއާ ހަތިޔާރުން ބިރު ނުދެއްކޭނެ ކަމަށެވެ. އަދި އެކަން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެ ދެއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯތު ކޮރެއާއާ ދެކޮޅަށް ޓްރަމްޕުގެ ސަރުކާރުން ހަމަލާދީފާނެތޯ ސުވާލު ކުރުމުން މެކްމާސްޓާ ވިދާޅުވީ ހުރިހާ ފުރުސަތެއް ވެސް އޮތީ ހުޅުވިފައި ކަމަށެވެ.

ކިމް ވަނީ ޕެސިފިކުގައިވާ އެމެރިކާގެ ޓެރިޓަރީ ގުއާމަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ ޖަޕާން މަތިން ދެ މިސައިލް ފޮނުވާލައިފަ އެވެ. ނޯތު ކޮރެއާ އިން މިހާތަނަށް ޓެސްޓްކުރި އެންމެ ބާރުގަދަ ނިއުކްލިއާ ބޮން ވެސް ދާދި ފަހުން ވަނީ ޓެސްޓްކޮށްފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ އޭނާ އިންތިޒާރު ކުރަމުން ދަނީ ބިނާކުރަނިވި މަޝްވަރާތަކަށް ނޯތު ކޮރެއާ އިން ޝައުގުވެރިވާނެ އިރަކަށް ކަމަށެވެ.