18 ސެޕްޓެމްބަރ 2017 - 12:15

ދ. ކުޑަހުވަދޫ އަތުން އިއްޔެ ހޯދި ބޮޑު މޮޅާ އެކު ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގު އެއް ވަނަ އަށް ޖެހިލިއިރު، ލީގު ނިމެންދެން އެ މަގާމު ދެމެހެއްޓޭނެ ފެންވަރު ނިއުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ކުޑަހުވަދޫ އަތުން 6-0 އިން ހޯދި މޮޅާ އެކު ނިއު ލީގުގެ އެއް ވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
މި ފަހަރު ލީގުގައި މާޒިޔާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު އޮސްކާ ބުނީ އޭނާގެ އަމާޒަކީ ލީގުގެ ފުރަތަމަ ބުރު ނިމުމުގެ ކުރިން އެއް ވަނަ އަށް އެރުން ކަމަށެވެ. ފުރަތަމަ ބުރުގައި ބާކީ އެއް މެޗު ނުކުޅެ އޮއްވައި އެއް ވަނަ އަށް އެރުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް އޮސްކާ ސިފަކުރެ އެވެ.
"މިއީ ވަގުތީ ކަަމަކަށް ވެސް ވެދާނެ. އަހަރެމެންނަށް ކުރެވޭ އިހުސާސެއް ނޫން މުހިއްމީ. ހިތްހަމަ ޖެހުމެއް އެބައޮތް އެއީ ޓީމު އޮތީ ރަނގަޅު ޓްރެކެއްގައި. ބޭނުންވަނީ ވަގުތު ކޮޅަކަށް އެއް ވަނައިގައި އޮންނާކަށެއް ނޫން. ލީގު ނިމޭއިރު އެއް ވަނައިގައި އޮތުން މީގެ އެންމެ މުހިއްމީ. ބޭނުމީ މި މަސައްކަތް ކުރިއަށް ގެންދަން،" އޮސްކާ ބުންޏެވެ.
އޮސްކާ އަކީ މި ސީޒަނުގައި ނިއު އަށް ކޯޗުކޮށްދޭ ދެ ވަނަ ކޯޗެވެ. މާލޭ ލީގު ފެށިގެން ނިއު އަށް ކޯޗުކޮށްދިނީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އެވެ. އޭނާގެ ކޯޗުކަމުގައި ނިއުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ނަމަވެސް އޮސްކާ އައިސް ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމާ ގުޅުނު ކުޅުންތެރިންނާ އެކު ނިއު މިހާރު ފެންނަނީ ކުރިއަށް ވުރެ ތަފާތު ކޮށެވެ.
"މިއީ މި ސީޒަނުގައި މާލޭ ލީގާއި ޕްރިމިއާ ލީގުގައި ވެސް ނިއު އަށް އެއް ވަނަ ލިބުނު ފުރަތަމަ ފަހަރު. ދެން ބަލަންވީ އަހަރެމެން މި އަށް ފަހު މަސައްކަތް ކުރާ ގޮތް ބަލާލަން. އެއް ވަނައިގައި އޮތުމަކީ އެއްވެސް ބަޔަކަށް ފަސޭހަވާނެ ކަމެއް ނޫން. އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައި ނަތީޖާ ނެރެންޖެހޭ. އަހަރެންނަށް އިތުބާރު އެބައޮތް ސީޒަން ނިމޭއިރު ވެސް އަހަރެމެންނަށް އެއް ވަނަ މަގާމު ދެމެހެއްޓިދާނެ،" ލީގުގައި ކުރިއަށް ދިއުމާ ބެހޭގޮތުން ސުވާލު ކުރުމުން އޮސްކާ ބުންޏެވެ.
ޓީމުތަކުން ނިއުއާ ދެކޮޅަށް ކުޅޭއިރު ޑިފެންސިވް ގޭމެއް ކުޅެގެންނާއި ވަގުތު ލަސްކޮށްގެން ނިއުގެ ގޭމް ހަލާކުކުރަން މަސައްކަތް ކުރާ ކަމަށް އޮސްކާ ވަނީ ކުރިން ބުނެފަ އެވެ. އަދި ކުރިއަށް ހުރި މެޗުތަކަށްދާއިރު ނިއު ލީގުގެ އެއް ވަނައިގައި އޮތުމުން އެ ކަންތައްތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އޮސްކާ ދެކެ އެވެ.
"އުދަނގޫ މަސައްކަތް މި ފެށުނީ. އެއީ މިހިސާބުން ޓީމުތައް އިތުރަށް ވަރުގަދަވެގެންދާނެ. އަހަރެމެންނަށްދޭ ސަމާލުކަން ވެސް އިތުރުވާނެ. އެކަމަކު އަހަރެމެން ހަމަ ބޭނުމީ މި އިތުބާރާ އެކު ބަދަލެއް ނެތި ކުރިއަށްދާން،" އޮސްކާ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ނިއު ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ނުކުންނާނީ ގދ. ތިނަދޫއާ ދެކޮޅަށެވެ.