18 ސެޕްޓެމްބަރ 2017 - 12:20

މީގެ 118 އަހަރު ކުރިން ރީޑިން ނަގާފައިވާ ކަމަށް ބުނާ، 13.7 މިލިއަން ރުފިޔާގެ ފެން ބިލެއް މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އޮޅިގެން ގެޔަކަށް ފޮނުވައިފި އެވެ.
މ. ކުރަހާގޭގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް އިއްޔެ ފޮނުވާފައިވާ ބިލުގެ ރީޑިން ނަގާފައިވާ ތާރީހު ކަމަށް އޮތީ ނޮވެމްބަރު 11، 1899 އެވެ. މިއީ އެމްޑަބްލިޔުއެސްސީ އުފެއްދުމުގެ ވެސް އެތައް އަހަރެއް ކުރިން ކަމަށް ވާތީ މި ފެން ބިލަކީ ރަނގަޅު ބިލެއް ނޫންކަން އެނގެ އެވެ.
އެ ގެއިން ވާހަކަ ދެއްކި މީހާ ވެސް ބުނީ މިއީ އޮޅިގެން ފޮނުވިފައިވާ ބިލެއްކަން އެނގޭ ކަމަށާއި އެކަމަކު މިވަރު ބިލެއް ފޮނުވޭނީ ރަނގަޅަށް ބަލައިނުލާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ބުނީ މިއީ ކުއްލިއަކަށް ފެންނައިރު "ހިތް ހުއްޓޭވަރުގެ" ބިލެއް ކަމަށާއި މަޑުކޮށްލައިގެން ތިބީ އެމްޑަބްލިޔުއެސްސީން ޖަވާބެއް ލިބެންދެން ކަމަށެވެ.
މި ބޮޑު ބިލާ އެކު ފެން ކަނޑާލާނެ ކަމުގެ އިންޒާރުގެ ނޯޓިސް ވެސް އޮތެވެ. ބިލުގައި ބުނާ ގޮތުން ބިލް ފައިސާ ނުދައްކާތާ 736،590 ދުވަސް ވަނީ ވެފަ އެވެ. އެ މުއްދަތުގައި ފެން ބޭނުންކުރި ކަމަކަށް ނުދައްކަ އެވެ. ބިލް ކޮށްފައި ވަނީ "އަދަ ޗާޖަސް" އަށެވެ.
މިލިއަނުން ބިލްކުރި އެޕާޓްމަންޓުގެ ފެން ބިލަށް އާންމު ގޮތެއްގައި 1500ރ. ވެސް ނާރަ އެވެ.
އެމްޑަބްލިޔުއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ހައްލު ކޮށްދޭނެ ކަމަށެވެ.