ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް އަދީލް
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް އަދީލް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ކުޅުންތެރިއާ އަދި ކޯޗު އަހުމަދު އަދީލް (ބޭބެ) ހަަމަޖައްސައިފި އެވެ.

ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އިންތިހާބުވެވަޑައިގަތް ފަހުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ ހަމަޖެއްސީ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އާދަމް އެވެ. އެހެން ނަމަވެސް އޭނާ މަގާމުން ވަކިވުމާ ގުޅިގެން ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ ޒިންމާއާ ހަވާލުވީ މުހައްމަދު ޝަރަފް އެވެ. އެނގިފައިވާ ގޮތުގައި ޝަރަފް އެ ޒިންމާ ނެގުން ހުއްޓާލީ އެންމެ ފަހުން ނިމިދިޔަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތަށް ފަހު އެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މި ފަހަރު ހަމަޖެއްސި ބޭބެ އަކީ ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ކޯޗެކެވެ. ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ މަގާމުގައި ކުރިން ހުރި ބޭބެ މީގެ ކުރިން މަސައްކަތްކުރީ ކޯޗިންގެ އިތުރުން ޓެކްނިކަލް ދާއިރާގަ އެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމަށް ފަހު ބޭބެ "މިހާރަ"ށް ބުނީ މިއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ވޮލީ އަށް ހިދުމަތް ކުރުމުގައި ލިބުނު ހިތްވަރެއް ކަމަށެވެ.

"ވަރަށް ބޮޑު ޒިންމާއެއް މިއީ. އެކަމަކު އަބަދުވެސް ވޮލީ އަށް ހިދުމަތް ކޮށްދިނުމަށް ބޭނުންވާތީ މި ފުރުސަތުގެ ވެސް ބޭނުން ހިފީ. އަޅުގަނޑު ވެސް ވޮލީގެ މީހަކަށް ވެފައި އެސޯސިއޭޝަންގައި ހުރި ކަންތައްތައް އިތުރަށް ރަނގަޅު ކުރަން ބޭނުންވާތީ،" އޭނާ ބުންޏެވެ.

ކުރިން މަގާމުގައި ވަގުތީ ގޮތުން ހުރި ޝަރަފް ވަނީ ޕްލޭންތަކެއް ހަދާފައި ކަމަށާއި އޭގެ އިތުރުން ވެސް ވޮލީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބޭބެ ވަނީ ބުނެފަ އެވެ.

"ކުރިން މަގާމުގައި ހުރި ޝަރަފް ވެސް ވަނީ ޕްލޭންތަކެއް ހަދާފައި. އޭގެއާ އެއްގޮތަށް އަދި އިތުރު ކަންތައްތަކެއް ވެސް ހިމަނަން އެބަޖެހޭ. އަޅުގަނޑުމެންގެ ރައީސް (ލަތީފް)ގެ ވިސްނުން ވެސް އެބަހުރި. އިތުރަށް ރަނގަޅު ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމަށް. އެ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑު ވެސް ބޭނުން،" އޭނާ ބުންޏެވެ.

ވޮލީ އަށް އަބަދުވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ވަކި ކޯޓެއް ނެތުން ކަމަށާއި ގައުމީ ޓީމުގެ ފަރިތަކުރުންތަކާއި މުބާރާތްތަކަށް ކުޅިވަރު އެކުވެނި އިންޑޯ ހޯލު ލިބެނީ ވަރަށް ކުރު މުއްދަތަކަށް ކަމަށް ވެފައި، އެ ދުވަސްތަކުގައި ހުރިހާ ކަންތައްތަކެއް އެކުގައި ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށް ބޭބެ ވަނީ ބުނެފަ އެވެ.