މަޑުއްވަރީން ގެއްލުނު މީހާ އަދި ވެސް ނުފެނޭ
މަޑުއްވަރީން ގެއްލުނު މީހާ އަދި ވެސް ނުފެނޭ

މޫދަށް ގޮސް އުޅެނިކޮށް މ. މަޑުއްވަރީން އިއްޔެ ގެއްލުނު މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލުނު 60 އަހަރުގެ ފިރިހެން މީހާ ހޯދުމަށް ވައިގެ މަގުންްނާއި ފީނައިގެން ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގެއްލުނު އިބްރާހިމް ހޯދަން އިއްޔެ ހެނދުނު 9:30 އިން ފެށިގެން މަސައްކަތްކުރަމުން އަންނަނިކޮށް އެ މީހާ ލައިގެންހުރި މުންޑު، ރަށުގެ ހުޅަނގު ފަރާތު މޫދުން އާއިލާގެ މީހަކަށް ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 7:30 ހާއިރު ފައިގައި ވެލިމޮޑެން އިންދަ ކަމަށެވެ. މަޑުއްވަރީ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ފިރިހެން މީހާ ކޮންމެ ދުވަހަކު ވެސް ހެނދުނު ކަސްރަތަށް މޫދަށް ގޮސް އުޅޭ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް ހެނދުނު ގޮސް ވެލި މޮޑެލައި، މޫދުގެ ކަސްރަތުކޮށްލާފައި 10 ޖަހާއިރަށް ގެއަށް ދާނެ. އިއްޔެ ހެނދުނު ދިޔަގޮތަށް ހަބަރެއް ނުވި،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.