19 ސެޕްޓެމްބަރ 2017 - 05:50

މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިި ދިވެހި ސިނަމާ އަށް ފިލްމެއް އަންނާނެ ކަމަށް ކުރިން ބެލެވިފައި ނެތަސް، އެ މަހު ސިނަމާ އަށް ފިލްމެއް ގެންނަން ތާވަލްކޮށްފި އެވެ.

"ބާކީވެފާ" ގެ ނަން ދީފައިވާ ފިލްމް ރިލީޒް ކުރަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފިލްމްގެ ފޭސްބުކް ޕޭޖްގައި ވަނީ ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ.
ދެހާސް ހަތް ވަނަ އަހަރު "ނުކަނޑާ" ބެލުންތެރިންނަށް ގެނެސް ދިން މުހައްމަދު ޝަރީފް ލިޔެ، ޑައިރެކްޓް ކުރާ "ބާކީވެފާ" ގެ ޕޯސްޓަރުން ފެންނަނީ ދިވެހި ސިނަމާއިން މިހާރު ގެއްލިފައިވާ ބަތަލާ މަރިޔަމް އަފީފާ (އަފީ) އެކަންޏެވެ. އަދި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ނޭނގެ އެވެ.
އަފީއަކީ މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލައިލި ބަތަލާ އެވެ. އޭނާ އެ އެވޯޑް ގެންދިޔައީ ލޫދިފާ (2011) ގައި ކުޅެފައިވާ ރޯލުންނެވެ.
ޝަރީފް ބުނީ އަފީއާ އެކު ވަރުގަދަ އަދި ބޮޑު ކާސްޓެއް "ބާކީވެފާ" އިން ފެނިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފުސީލަކަށް އަދި ނުދާނެ ކަމަށް ބުންޏެވެ.
"މީގެ ޓީޒާ ޓްރެއިލާ އަޅުގަނޑުމެން އަންނަ މަހުގެ ފަނަރާގައި ލޯންޗް ކުރާނަން. އެއާއެކު ފިލްމާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތުތައް އެނގިގެން ދާނެ،" މާފެއް ނެތް ފަދަ ފިލްމްތަކުގެ ސްކްރީންރައިޓަރު ބުންޏެވެ.
ޝަރީފް ބުނީ "ބާކީވެފާ" އަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް ބަޔަކާ ވާދަ ކުރަން އަޅުގަނޑުމެން ގެނެސްދޭ ފިލްމެއް ނޫން. ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމެއް ގެނެސް ދިނުމުގެ ބޭނުމުގައި ހަދާފައިވާ ފިލްމެއް،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް މި ފިލްމް ބެލުންތެރިންނަށް ކަމުދާނެ."
ވިނީލް ސްޓޫޑިއޯ އިން ގެނެސްދޭ "ބާކީވެފާ" އެންމެ ފުރަތަމަ ދައްކަން ހަމަޖެހިފައި ވަނީ ރަށްރަށުގަ އެވެ. ޝަރީފް ބުނީ އޮލިމްޕަސް ސިނަމާ އަށް ފިލްމް ޑިސެމްބަރުގައި ގެންނާނީ ރަށްރަށުގައި ދެއްކުމަށް ފަހު ކަމަށެވެ.
"އެކަމަކު ފިލްމް އަޅުވަން ފަށާނެ ތާރީހެއް އަދި ފައިނަލެއް ނުކުރަން،" މިހާރު ޑަބިންގައި އޮތް ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
"ބާކީވެފާ" ވެގެން ދާނީ މި އަހަރު އަޅުވާ ނުވަ ވަނަ ފިލްމަށެވެ.
ސިނަމާތަކުގައި މިހާރު އޮތް "ހައްދު" އަށް ފަހު ދެން އެންމެ އަވަހަށް އަޅުވާނީ މި މަހުގެ 27 ގައި ރިލީޒް ކުރާ "ނޭދެން ވަކިވާކަށް" އެވެ.