30 ޖޫން 2016 - 11:46

ބޯޑޯ، ފްރާންސް (ޖޫން 30) - ފްރާންސްގެ މާސޭ އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޗީ ބަޓްޝުއާޔީ އިންގްލެންޑްގެ ޗެލްސީ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ބަޓްޝުއާޔީ ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި މާސޭ އަށް 22 ލަނޑު ޖަހައިދީފަ އެވެ. އޭނާ ހޯދުމަށް އިނގިރޭސި އަދި ސްޕެއިނުގެ ގިނަ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޗެލްސީން ބަޓްޝުއާޔީ ގަންނަން ކުރި 32.9 މިލިއަން ޕައުންޑްގެ ބިޑް މާސޭ އިން ގަބޫލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔޫރޯގައި ވާދަކުރާ ބްލެޖިއަމް ޓީމުގައި ވެސް ހިމެނޭ ބަޓްޝުއާޔީ ވަނީ އިއްޔެ ބޯޑޯގައި ޗެލްސީގެ މެޑިކަލް ފުރިހަމަ ކޮށްފަ އެވެ. އަދި ބެލްޖިއަމް ކޯޗާއި އެފްއޭގެ ހުއްދަ ހޯދުމަށް ފަހު ވަރަށް އަވަހަށް ޗެލްސީއާ އެކު ބަޓްޝުއާޔީ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބަޓްޝުއާޔީ ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ދެ ވަނަ ބުރުގައި ހަންގޭރީ އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.