އަގު އޮޅުވާލި މައްސަލަތަކުން 7.6 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުލިބި ވޭ: ރިޕޯޓް
އަގު އޮޅުވާލި މައްސަލަތަކުން 7.6 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުލިބި ވޭ: ރިޕޯޓް

ރާއްޖެ އެތެރެކުރި މުދަލުގެ ތެރެއިން އަގު އޮޅުވާލި މައްސަލަތަކާ ގުޅިގެން ކުރި ޖޫރިމަނާތަކުގެ ތެރެއިން މިދިއަ ތިން އަހަރުގެ ތެރޭގައި 7.6 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުލިބި އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު އާއްމުކުރި ރިޕޯޓްގައި ބުނެފައި ވަނީ 2012- 2015އާ ދެމެދު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ދަށްކޮށް ހުށަހެޅުމާ ގުޅިގެން ޖޫރިމަނާ ފައިސާ ދައްކަން އެނގި މުއްދަތުގައި ފައިސާ ދައްކާފައިނުވާ 20 ފަރާތަކަށް ދެމުން ގެންދިޔަ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ތިން އަހަރުގެ ތެރޭގައި އަގު އޮޅުވާލުމުގެ 246 މައްސަލައެއްގައި ކަސްޓަމްސް އިން ޖޫރިމަނާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭސީސީގެ ރިޕޯޓުގައި ވަނީ އަގު އޮޅުވާލި މައްސަލަތަކުގައި ޖުރިމަނާކުރި ބައެއް ފަރާތްތަކުން ފައިސާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަ ކުންފުންޏަކުން 15 މައްސަލައެއްގައި 7.6 މިލިއަން ރުފިޔާ ދައްކާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީގެ ރިޕޯޓުން އެނގޭ ގޮތުގައި އަގު އޮޅުވާލިކަމުގެ ތުހުމަތުކުރެވުނަސް އެކަށީގެންވާ ހެކި ނެތިގެން 2012 އިން 2014 އަށް 174 މައްސަލައެއްގައި ޖޫރިމަނާކޮށްފައެއް ނުވެ އެވެ.