17 ސެޕްޓެމްބަރ 2017 - 16:03

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ފްލެޓުު ދޫކުރި ގޮތާ މެދު ސަރުކާރުގެ މެމްބަރުން ވެސް ހައުސިން މިނިސްޓްރީ އަށް މިއަދު ޝަކުވާ ހުށަހަޅުއްވައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުން ބޭއްވީ، އިދިކޮޅު މެމްބަރުން މިނިސްޓަރާ ބައްދަލުކުރަން ހައުސިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތުމުން، ބައްދަލުނުކުރެއްވި މައްސަލާގައި ޝަކުވާ ކުރައްވަމުން ދަނިކޮށެވެ.
އިދިކޮޅު މެމްބަރުންނާ ބައްދަލު ނުކުރައްވައި، ސަރުކާރު މެމްބަރުންނާ މިނިސްޓަރު ބައްދަލުކުރެއްވުމުން ފްލެޓް ދީފައި ވަނީ ގޯސްކޮށް ކަން ޔަގީންވާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަނީ ޓުވީޓްކުރައްވައިފަ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށް ފަހު ރިފާއު ވިދާޅުވީ ފްލެޓް ދިން ގޮތުން އެ ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވާނީ މިނިސްޓަރާ ހިއްސާކުރައްވާފައި ކަމަށެވެ. މިނިސްޓަރާ ހަވާލުކުރެއްވި ޝަކުވާގެ ސިޓީގައި ވިދާޅުވެފައި ވަނީ ފްލެޓް މަޝްރޫއަށް އޭނާގެ ދާއިރާ އިން ކުރިމަތިލި މީހުންގެ ތެރެއިން އާއްމުކުރި ލިސްޓުގައި ނަން ނެތް މީހުން އެކަން ސާފުކޮށްދޭން އެދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ހަމައަކީ މިކަން ހިންގާފައި ވާން ވާނީ ހަމަޔާއި އިންސާފުގެ ތެރެއިން އެންމެ ނިކަމެތި މީހާ އަށް ފުރުސަތު ތަނަވަސްވާނޭ ގޮތެއްގެ މަތިން ކަމަށެވެ. އެހެން ނަމަވެސް ހިތާމަޔާ އެކު ދަންނަވަން ޖެހެނީ އަޅުގަނޑުގެ ދާއިރާގެ ވަރަށް ނިކަމެތި ދަތި ދިރިއުޅުން އުޅެމުންދާ އެތައް ފަރާތެއްގެ ނަން ލިސްޓުގައި ހިމެނިފައިނުވާ ކަމެވެ،" ރިފާއު ވިދާޅުވި އެވެ.
އެ ފަރާތްތަކުގެ ފޯމު ނަމްބަރާ އެކު ޝަކުވާ މިނިސްޓްރީ އަށް ހުށަހަޅުއްވައި އޭނާ އެދިވަޑައިގަތީ އެކަން ސާފުކޮށްދެއްވުމަށެވެ.
މާލޭ ދާއިރާ އަށް ނިސްބަތްވާ ސަރުކާރުގެ ދެ މެމްބަރަކާ މިނިސްޓަރު ބައްދަލުކުރެއްވިއިރު އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންތަކަކާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންތަކެއް ހައުސިން މިނިސްޓްރީ އަށް ވަޑައިގަތީ ފްލެޓް ލިބުނު ލިސްޓު އާއްމުކޮށް، ފްލެޓް ދިން އުސޫލު ރައްޔިތުންނަށް ސާފުކޮށްދޭން މިނިސްޓަރުގެ އަރިހުން އެދިވަޑައިގަތުމަށެވެ. އެކަމަކު އެ ޝަކުވާ އަޑުއައްސަވަން މިނިސްޓަރު މުއިއްޒު ބައްދަލު ނުކުރެއްވި ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
މިފަހަރު ފްލެޓަށް ޝަރުތު ހަމަވި 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. ފްލެޓަށް ކުރިމަތިލީ ގިނަ އަދަދެއްގެ ބަޔަކު ވަނީ މި މައްސަލާގައި ހައުސިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި އެ މީހުންނަށް ވުރެ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ލިބިފައި އެބަ ހުއްޓެވެ.