އަމީތާއި ސައުދަށް އެޗްއާރުސީއެމް މެމްބަރުންނާ ބައްދަލުކުރެވޭ ގޮތެއް ނުވި
އަމީތާއި ސައުދަށް އެޗްއާރުސީއެމް މެމްބަރުންނާ ބައްދަލުކުރެވޭ ގޮތެއް ނުވި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް، މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ކުރެއްވި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

އެޗްއާރުސީއެމް ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވި ގޮތުގައި އެޗްއާރުސީއެމަށް ވަޑައިގަތީ ޖަލުގައި ހޭދަކުރެއްވި 24 ދުވަހު، ޖަލުގެ ހާލަތު ވަރަށް ބޮޑަށް ވަޒަން ކުރެވި، ޖަލުގައި ގައިދީންނަށް އަނިޔާތަކެއް ލިބޭތީ އެކަމަށް ހައްލެއް ހޯދުމަށެވެ.

"އެއީ އިންސާނިއްޔަތަށްޓަކައި އަޅުގަނޑުމެންގެ މައްޗަށް ކުރުން ވާޖިބު ކަމެއް ކަމަށް ގަބޫލު ކުރަނީ،" ޖުލައި 24 ގައި މަޖިލީހަށް ވަން މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ލިބޭ އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެއްވެސް ތަހުގީގެއް ނުކޮށް، އަނެއްކާ ދެވަނަ ފަހަރަށް ކޯޓަށް ގެންގޮސްގެން މުއްދަތު ޖަހާފައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި، ޝަރީއަތުން ހުކުމެއް ނީއްވާ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން އެތައް ބަޔަކު ޖަލުގައި ބައިތިއްބާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ޖަލުގެ ހާލަތު ރަނގަޅު ކުރުމާއި ޖަލުގައި ބައިތިއްބާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ކަމަށް އަމީތު ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ޣައިރު ގާނޫނީ ނިންމުމުގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ކަންކަން އަދާކުރުމުގެ ފުރުސަތު ގެއްލިފައިވާތީ އެޗްއާރުސީއެމުން އެކަން ބަލަންޖެހޭ ކަމަށާއި ބައެއްގެ ހައްގެއް ނިގުޅައިގެންފި ނަމަ، އެޗްއާރުސީއެމްގެ ސަމާލުކަމަށް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަން ހައްލު ކުރެއްވުމަށް (އެޗްއާރުސީއެމުން) ކުރެއްވި މަސައްކަތަކީ ކޮބައިތޯ ބަލައި، މި ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެބޭފުޅުންގެ އަރިހުން އެދުމަށް ކޮމިޝަނަށް ޒިޔާރަތް ކުރީ،" އަމީތު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބޭ މީހުންނާ މެދު ފުލުހުން އަމަލުކުރާ ގޮތުން އިންސާނީ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އެގޮތުން ކެއުމުގެ ކަންތައްތަކާއި ޖަލުގެ ގޮޅީގެ ހާލަތުގެ ސަބަބުން އިންސާނީ ކަރާމާތަށް އެތައް ގެއްލުންތަކެއް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެޗްއާރުސީއެމުން މިކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށް ސައުދު އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލީހަށް ވަން މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ސައުދުގެ މައްޗަށް ވެސް ކުރެ އެވެ. މީގެ އިތުރުން ސައުދަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.

އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް އެދި ސައުދާއި އަމީތު އެދިވަޑައިގަތީ އީމެއިލް މެދުވެރިކޮށެވެ. އެކަމަކު ހަފުތާއެއްވީ އިރު ވެސް އެޗްއާރުސީއެމުން ޖަވާބެއް ދީފައި ނުވާތީ ކޮމިޝަނަށް އާދިއްތަ ދުވަހު ވަޑައިގަތުމުން މެމްބަރުންނާ ބައްދަލުކުރެއްވޭ ގޮތެއް ނުވި ކަމަށް އަމީތު ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވީ މެމްބަރުން މީޓިންއެއްގައި ކަމަށް. އަދި މިއަދު ހަތަރުދަމު ތިއްބަވާނީ މީޓީންއެއްގައި ކަމަށް. ތިމަންނަމެން މަސައްކަތް އެބަކުރަމޭ މާދަމާގެ ވަގުތެއް ހަމަޖައްސައި ދެވޭތޯ،" އަމީތު ވިދާޅުވި އެވެ.