18 ސެޕްޓެމްބަރ 2017 - 05:59

ސޯނަމް ކަޕޫރު ސްކްރީނުން ނުފެންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ނީރްޖާ" އިންނެވެ. މިއީ ގިނަ ބަޔެއްގެ ތައުރީފާއި ގިނަ އެވޯޑުތަކެއް ސޯނަމަށް ލިބުނު ފިލްމެކެވެ.
"ނީރްޖާ"އަށް ފަހު ސޯނަމް ވަނީ އެއް އަހަރު ދުވަހުގެ ޗުއްޓީއެއް ނަގާފަ އެވެ. ނަމަވެސް އޭނާ ހުރީ ފިލްމީ މަސައްކަތާ މުޅިން ދުރަކު ނޫނެވެ. މި ޗުއްޓީގައި ސޯނަމް ވަނީ ލޯބިވެރިޔާ އާނަންދް އަހޫޖާއާ އެކު އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ޗުއްޓީ ހޭދަ ކޮށްފަ އެވެ.
ޗުއްޓީއަށް އަހަރެއް ފަހުން ސޯނަމް މިހާރު ވަނީ އަނެއްކާވެސް ފިލްމީ މަސައްކަތް ފަށާފަ އެވެ. އޭނާގެ އަތުގައި މިހާރު ވެސް ތިން ފިލްމެއް އެބައޮތެވެ. އެއީ ސަންޖޭދަތުގެ ބައޮޕިކް އާއި "ވީރޭ ދީ ވެޑިން" އަދި "ޕެޑްމޭން" އެވެ.
ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން ސޯނަމް ބުނީ އަހަރު ދުވަހުގެ ޗުއްޓީ އަށް ފަހު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފިލްމުތަކުގެ ޝޫޓިންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ދަތު ބައޮޕިކްގެ ޝޫޓިންއެއް ނިއު ޔޯކްގައި ފުރިހަމަކުރި ކަމަށާއި އޭގެ ކުރިން އަކްޝޭ ކުމާރާއި "ޕެޑްމޭން"ގެ ޝޫޓިންގައި ވެސް ބައިވެރިވި ކަމަށް ބުންޏެވެ. އޭނާ ބުނީ މިހާރު "ވީރޭ ދީ ވެޑިން"ގެ ޝޫޓިން ފަށާފައި ކަމަށެވެ.
ނަމަވެސް ފިލްމު ސެޓަކަށް އާދެވުމުގެ އުފާ އޭނާއަށް އިހްސާސް ކުރެވިފައިވަނީ "ވީރޭ ދީ ވެޑިން"ގެ ސެޓުންނެވެ. ސޯނަމް ބުނީ އެއް އަހަރު ދުވަހު ޗުއްޓީ ނެގުމުން މުޅި މީހާ މުޅިން ތާޒާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ. ތިން ފިލްމެއް ރިލިޒްވުމަށް ތައްޔާރުވަމުންދާއިރު ކުރިއަށް އޮތް އަހަރަކީ ސޯނަމް އަށް ވަރަށް ބިޒީ އަހަރަކަށް ވާނެ ކަަމަށް އޭނާ ބުންޏެވެ.