30 ޖޫން 2016 - 10:25

ގާހިރާ (ޖޫން 30) - އިޖިޕްޓް އެއާގެ މަތިންދާ ބޯޓު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމުގެ ކުރިން އެ ބޯޓުން ދުން އަރާފައިވާ ކަމަށް ބްލެކް ބޮކްސް ރެކޯޑިން އިން ދައްކައިފި އެވެ.

ޕެރިހުން ފުރައިގެން ގާހިރާ އަށް ދަތުރުކުރި ބޯޓު މިދިޔަ މަހު 19 ވަނަ ދުވަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމުން ބޯޓުން ދަތުރުކުރި 66 މީހުން ވަނީ މަރުވެފަ އެވެ.
މިސްރުގެ އިންވެސްޓިގޭޓަރުން ބުނީ ބޯޓު ވެއްޓުމުގެ ކުރިން ދުން އަރާފައިވާ ކަމުގެ އޮޓޮމެޓިކް މެސެޖް ފޮނުވާފައިވާ ކަމަށެވެ. ބޯޓުގެ ވޮއިސް އަދި ފްލައިޓް ޑޭޓާ ރެކޯޑަރު ނެގީ މެޑިޓެރޭނިއަންގެ 3،000 މީޓަރު (9،800 ފޫޓް) އަޑިންނެވެ. ދެ ކަޅުފޮށި ހަލާކުވެފައި އޮތުމުން ޕެރިހަށް ގެންގޮސްގެން ވަނީ މަރާމާތުކޮށްފަ އެވެ. ދެ ވަނަ ކަޅުފޮށި، ކޮކްޕިޓް ރެކޯޑަރު އަދިވެސް ދަނީ ޕެރިހުގައި މަރާމާތު ކުރަމުންނެވެ.
މިސްރުގެ ތަހުގީގު ކޮމިޓީން ބުނީ ބޯޓުގެ ކުރީކޮޅުގެ ބަޔަކުން ދުމުގެ އަސަރުކޮށްފައިވާ ކަމާއި ހޫނުގަދަވެގެން އެ ބައި ހަލާކުވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ބޯޓު ވެއްޓުމުގެ ކުރިން ބޯޓަށް ނުރައްކަލެއް ދިމާވެގެން އުޅޭ ކަމަށް އަންގައިފައެއް ނުވެ އެވެ. އެހެންވެ ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިސްރުގެ އޮފިޝަލުން ބުނެފައި ވަނީ ބޯޓު ވެއްޓިފައި ވަނީ ޓެރަރިޒަމުގެ އަމަލަކުން ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
ބޯޓު ވެއްޓުމުގެ ކުރިން 90 ޑިގްރީ އަށް ވައަތް ފަރާތަށް އަދި އޭގެ ފަހުން 360 ޑިގްރީ އަށް ކަނާތަށް ދަތުރުކޮށްފައިވާ ކަމަށް ރާޑަރުން ދައްކާފައިވެ އެވެ.