17 ސެޕްޓެމްބަރ 2017 - 14:14

ގާޒާ (ސެޕްޓެމްބަރު 17) - ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތް އެއްގަލަކަށް އަރާ ގާޒާގައި ހަމާސް އިން ހިންގަމުން ދިޔަ ސަރުކާރު އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް އެއްބަސްވެއްޖެ އެވެ.
ހަމާސް އިން ބުނެފައި ވަނީ ފަތަހަ ޖަމާއަތާ އެކު ޒަމާންތަކެއް ވަންދެން އޮތް ދެކޮޅުވެރިކަން ދޫކޮށްލުމަށް މަޝްވަރާ އަށް ތައްޔާރަށް އޮތް ކަމަށެވެ. ދެ ޖަމާއަތުގެ ކޯޅުން ބޮޑުވެ އެންމެ ފަހުން 2007 ވަނަ އަހަރު ފަތަހަ ޖަމާއަތް ވަނީ ގާޒާ އިން ބޭރުކޮށްލައިފަ އެވެ. އަދި ގާޒާ އާއި ހުޅަނގު އައްސޭރީގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ހަމާސް އިން ވަނީ 2006 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އުފެދުނު ހަމަނުޖެހުންތަކުގައި ރައީސް މަހްމޫދު އައްބާސް ވަނީ ހަމާސްގެ ބޮޑު ވަޒީރު ބޭރުކޮށްލައިފަ އެވެ. އަދި ހަމާސް ޖަމާއަތުން ދިޔައީ ގާޒާގައި ވެރިކަން ހިންގަމުންނެވެ. ފަތަހަ ޖަމާއަތުން ވަނީ ގާޒާގައި ވެރިކަން ހިންގަން ފަށައިފަ އެވެ.
އެކަމަކު ހަމާސް އިން ވަނީ ފަތަހަ ޖަމާއަތް ގާޒާ އަށް ދިއުމަށް ދައުވަތު ދީފަ އެވެ. އަދި އާއްމު އިންތިޚާބު ބޭއްވުމަށް ވަނީ އެއްބަސްވެފަ އެވެ. ފަތަހަ ޖަމާއަތުގެ ސީނިއާ އޮފިޝަލަކު ވަނީ ހަމާސްގެ ހުށަހެޅުމަށް މަރުހަބާ ކިޔައިފަ އެވެ.
ހަމާސް އާއި ފަތަހަ އެއްބަސްވުމަކަށް އައިސްފައި މި ވަނީ ދެ ޖަމާއަތުގެ އޮފިޝަލުން މިސްރުގެ ގާހިރާގައި އެ ގައުމުގެ އޮފިޝަލުންނާ އެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވާފައި ވަނިކޮށެވެ.