އާމިރު ޚާން ނިދިން ހޭލެއްވުމަކީ ބޮޑު ކަމެއް: މެނޭޖަރު
އާމިރު ޚާން ނިދިން ހޭލެއްވުމަކީ ބޮޑު ކަމެއް: މެނޭޖަރު

އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ"ގެ ޑައިރެކްޓަރު އަދަވައިތު ޗަންދަން އަކީ އާމިރުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ ބުނި ގޮތުގައި އާމިރަކީ އާދަޔާ ޚިލާފަށް ނިދި ގަދަ މީހެކެވެ.

މިދިޔަ 11 އަހަރު އާމިރު، 52، އާ އެކު މަސައްކަތް ކުރަމުން އަންނަ އަދަވައިތު ވަނީ މެނޭޖަރުކަން ކުރުމުގެ އިތުރުން "ތާރޭ ޒަމީން ޕަރް" އާއި "ދޯބީ ގާތު" ގައި އާމިރުގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

މިޑް-ޑޭ ނޫހާ ވާހަކަ ދައްކަމުން އަދަވައިތު ބުނީ އޭނާ މި ވާހަކަ ދެއްކުމުން އާމިރު ތަޅައިގަންނަން ވެސް ފަހަކަށް ނުޖެހޭނެ ކަމަށެވެ. އެއީ އޭނާގެ ބޮޑު ސިއްރެއް ބޭޒާރުކޮށްލާތީ އެވެ.

އަދަވައިތު ބުނި ގޮތުގައި އާމިރަކީ ނިދައިފި ނަމަ ހޭލައްވާލެވޭނެ މީހެއް ނޫނެވެ.

"އެއްވެސް މީހަކަށް ލާހިކެއް ނޫން އޭނާ ހޭލައްވާލާކަށް. ވަރިހަމަ ކޮންމެ ފަދަ ކަމެއް ވިޔަސް. އެއީ އޭނާގެ ފިލްމެއް ރިލީޒްވާން ކައިރިވެފައި ނެތް ދުވަސްވަރަކަށް ވިޔަސް ނުވަތަ އަރާމުކުރާ ދުވަސްތަކަކަށް ވިޔަސް އަދި ޝޫޓިން ނުބާއްވާ ބްރޭކް ނަގައިގެން އުޅޭ ދުވަސްވަރެއް ވިޔަސް މިކަން އޮންނަނީ މިގޮތަށް،" އަދަވައިތު ބުންޏެވެ.

ނިއު ޔޯކްގައި އާމިރާ އެކު އުޅުނު އިރު އިންޑިއާގެ ބައި ލައްކަ ރުޕީސް އަށް ޓިކެޓް ގަނެގެން ޗަރުކޭސް ޝޯއަކަށް ދާން ރާވާފައި އާމިރު ހޯދަން ދިޔައިރު ނިދާފައި އޮވެގެން އެ ޝޯއަށް ނުދެވުނު ހާދިސާއެއްގެ ހަނދާން އަދަވައިތު އާކުރި އެވެ.

އޭނާ ބުނި ގޮތުގައި އާމިރު ނިދާފައި އޮއްވާ މީހުން ގޮވައިގެން ނުހޭލިޔަސް ގަޑިއަކަށް ތަނަކަށް ދާން އޮވެއްޖެ ނަމަ ގަޑި ޖެހުމުގެ ބަޑިގަޑިއިރު ކުރިން ދާނެ އެވެ. އޭނާ އޭރު އުޅުނީ މެނޭޖަރުގެ މަގާމުގައި ކަމަށް ވާތީ އާމިރަށް ވުރެ ކުރިން އޭނާއަށް އެ ތަނަކަށް ދެވޭތޯ ވަރަށް މަސައްކަތް ކުރާ ކަަމަށް ވެސް އަދަވައިތު ބުންޏެވެ.

"ސީކްރެޓް ސުޕަސްޓާ" އަކީ އަދަވައިތު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އާމިރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރުމުގެ ފުރުސަތު އޭނާއަށް ލިބުމުން އަދަވައިތު ވަރަށް އުފާވި އެވެ. މި ފިލްމުގެ ބަތަލާ އަކީ "ދަންގަލް"ގައި އާމިރުގެ ދަރިފުޅެއްގެ ރޯލު ކުޅުނު ޒާއިރާ ވަސީމް އެވެ.

"ސީކްރެޓް ސުޕަސްޓާ" އަކީ އަދަވައިތު ލިޔެފައިވާ ވާހަކަ އެކެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމުގެ ސްކްރިޕްޓް އޭނާ ލިޔެ ނިންމާލީ އާމިރު ޝޫޓިންގައި އުޅޭ ވަގުތުތަކުގަ އެވެ. އެ ވާހަކަ ލިޔުމުގެ ޚިޔާލު އައީ "ޕީކޭ" އާއި ޓީވީ ޝޯ "ސަތުޔަމޭ ވަޖައިތޭ"ގެ ޝޫޓިން އަށް އެމީހުން އެކި ތަންތަނަށް ދަތުރުކޮށް އުޅުނުއިރު އެވެ.

އަދަވައިތު ބުނި ގޮތުގައި އާމިރުގެ މެނޭޖަރަކަށް ވާން އޭނާގެ ކިބައިން އާމިރު އެދުނީ "ދޯބީ ގާތު" ގެ ޝޫޓިން ކުރިޔަށް ދިޔަ ދުވަސްވަރު އެވެ. އޭނާ ވަގުތުން އެކަން ގަބޫލުކުރީ އެވެ.

އޮކްޓޯބަރު މަހު ފަހުކޮޅު "ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އާމިރު މިވަގުތު އުޅެނީ "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިންގަ އެވެ. އެ ފިލްމު ރިލީޒްކުރާނީ 2018 ގެ ނޮވެމްބަރުގަ އެވެ.