ނިއުގެ ގޭމް ރޫޅާލަން މަސައްކަތްކުރޭ: ކޯޗު
ނިއުގެ ގޭމް ރޫޅާލަން މަސައްކަތްކުރޭ: ކޯޗު

ގިނަ ޓީމުތަކުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެނީ އެ ޓީމުގެ ގޭމް ރޫޅާލަން ކަމަށާއި އެކަމަށް ނިއުގެ ކުޅުންތެރިން ތައްޔާރުވާން ޖެހޭނެ ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ނިއު ނުކުންނައިރު މިއަދު މޮޅުވެގެން އެ ޓީމަށް ތާވަލުގެ އެއް ވަނަ އަށް އެރޭނެ އެވެ. އޮސްކާ ބުނީ ކުޑަހުވަދޫ އަކީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ކަމަށާއި އެ ޓީމާ ދޭތެރޭ ދެކެނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ.

"މުބާރާތް ކުރިއަށްދާ ވަރަކަށް މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތައް އަންނަނީ ވަރުގަދަވަމުން. މެޗަކަށް ފަހު ކުރިއަރާ. އެހެންވެ އަހަރެން މި މެޗުތައް އެއްގޮތަކަށް ވެސް ފަސޭހަކޮށް ނުނަގަން. އަނެއްކާ ކުޑަހުވަދޫ އަކީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން. އެހެންވީމާ އެ ޓީމާ ދޭތެރޭ ދެކެން ޖެހޭނީ ލީޑަރެއްގެ ގޮތުގައި،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ކުޑަހުވަދޫ ގިނަ މެޗުތަކުން ބަލިވިޔަސް އަދި ގިނަ ލަނޑުތަކެއް ވަދެފައިވީ ނަމަވެސް އެ ޓީމު ފެންނަނީ އުފެއްދުންތެރި ކުޅުމެއް ކުޅެން މަސައްކަތްކުރާ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ލީގުގެ މެޗުތަކަށް ނުކުންނައިރު ނިއު އިން ސަމާލުވާން ޖެހޭ ކަމެއް އޮތް ކަމަށް އޮސްކާ ބުންޏެވެ. އެއީ ކުޅުމުގެ ބަދަލުގައި ނިއުގެ ގޭމް ހުއްޓުވަން މަސައްކަތްކުރުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނައިން ދިމާވޭ އަހަރެމެންގެ ގޭމް ރޫޅާލަން ގިނަ ޓީމުތަކުން ނުކުންނަތަން. ބައެއް ފަހަރު އަހަރެމެންނަށް ފުރަތަމަ 25 ނުވަތަ 30 މިނެޓުގައި ގޯލެއް ނުޖެހިއްޖެއްޔާ އިދިކޮޅު ޓީމުން (މެޗު ލަސްކުރަން) އަށިގަނޑު އަރުވާތަން ވެސް ފެނޭ. އެކަމަކު އެއީ އަހަރެމެންނަށް ހުއްޓުވޭނެ ކަމެއް ނޫން. އަހަރެމެންގެ ކުޅުންތެރިން ޖެހޭނީ އެފަދަ ކަންކަމާ ކުރިމަތިލައި އެކަންކަމުން އަރައިގަންނަން. ޔަގީނުން ވެސް ނިއު އަކީ ފުޓްބޯޅަ ކުޅެން މަސައްކަތްކުރާ ޓީމެއް،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ބްރޭކަށް ފަހު މިދިޔަ ހަފުތާގައި ޕްރެކްޓިސްތައް އެންމެ ރަނގަޅަށް ނުގެންދެވުނު ނަމަވެސް މި ހަފުތާގައި ހުރިހާ ކަމެއް ވަރަށް ރަނގަޅު ކަމަށެވެ.