17 ސެޕްޓެމްބަރ 2017 - 10:31

ރޯމް (ސެޕްޓެމްބަރު 17) – ކަކުލުގެ ލިގަމެންޓަށް ދެ ފަހަރެއްގެ މަތިން ލިބުނު އަނިޔާގައި އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި އަލެސަންދްރޯ ފްލޮރެންޒީ އެނބުރި އައި މެޗުން ރޭ އިޓާލިއަން ލީގުގައި ހެލަސް ވެރޯނާ އަތުން 3-0 އިން އޭއެސް ރޯމާ މޮޅުވެއްޖެ އެވެ.
ރޯމާގެ މުހިއްމު ކުޅުންތެރިއާ ފްލޮރެންޒީގެ ލިގަމެންޓް އެންމެ ފުރަތަމަ އިރައިގެން ދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މެޗެއްގެ ތެރެއިންނެވެ. އެކަމަކު އަނިޔާ އިން ސަލާމަތްވެ ޕްރެކްޓިހަށް ނުކުތް ފުރަތަމަ ހަފުތާގައި މި އަހަރުގެ ފެބްރުއަރީ މަހު އަނެއްކާ ވެސް ހަމަ އެ ލިގަމެންޓް އިރައިގެން ދިޔައީ އެވެ.
ފްލޮރެންޒީ ބުނީ ވޭތުވެގެންދިޔައީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ހާއްސަކޮށް ދެ ވަނަ ފަހަރަށް ލިބުނު އަނިޔާއަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެކަމަކު އޭގެ ސަބަބުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
"ގައުމީ ޓީމުން އަލުން ޖާގަ ހޯދުމަކީ އަމާޒެއް. އެކަމަކު އެ ހިސާބަށް ދެވޭނީ ރޯމާ އަށް ރަނގަޅަށް ކުޅެގެން،" ފްލޮރެންޒީ ބުންޏެވެ.
ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗުގައި ރޯމާ އަށް ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ރަޖާ ނައިންގޯލާން އެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި އެޑިން ޖެކޯ ޖެހީ ފްލޮރެންޒީ ދިން ޕާހަކުންނެވެ. ތިން ވަނަ ލަނޑު ޖެކޯ ޖެހީ 61 ވަނަ މިނެޓުގަ އެވެ.
އެއް މެޗު މަދުން ކުޅެފައިވާ ރޯމާ އޮތީ ހަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ އިންޓަ އެވެ.