17 ސެޕްޓެމްބަރ 2017 - 11:06

ލާހޯރު (ސެޕްޓެމްބަރު 17) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހުނު ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން ޕާޓީ އަށް ސިޔާސީ ގޮތުން ބޮޑު އިމްތިހާނަކާ މިއަދު ކުރިމަތިވާނެ އެވެ.
ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ހުސްވި ގޮނޑި އަށް މެންބަރު އިމްތިޚާބު ކުރުމުގެ ބައި-އިލެކްޝަން މިއަދު އޮންނާނެ އެވެ. ޕީއެމްއެލް-އެންގެ ފަރާތުން ވާދަކުރަނީ ނަވާޒް ޝަރީފުގެ އަނބިކަނބަލުން ކުލްސުމް ނަވާޒެވެ.
އިރުމަތީގެ ޕަންޖާބު ޕްރޮވިންސްގެ ލާހޯރުގައި އިންތިޚާބު ބާއްވާ އިރު އެ ސިޓީއަކީ ނަވާޒް ޝަރީފުގެ އާއިލީ ބާރު ވަރަށް ބޮޑު ސަރަހައްދެކެވެ.
މަގާމުގައި ހުންނެވުމުގެ ޝަރުތު ނަވާޒް ޝަރީފުގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ޖުލައި 28 ވަނަ ދުވަހު ކަނޑައެޅީ އެމަނިކުފާނުގެ އާއިލާގެ މައްޗަށް ތުހުމަތުކުރި ކޮރަޕްޝަނުގެ މައްސަލައިގަ އެވެ. މި މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ނަވާޒް ޝަރީފުގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.
ލާހޯރުގައި ބައި-އިލެކްޝަން ބާއްވާ އިރު ޕާޓީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަވާޒް ޝަރީފުގެ އާއިލާގެ މެންބަރުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތެވެ. އަންހެން ދަރިކަނބަލުން މަރިޔަމް އާއި ފިރިހެން ދެ ބޭފުޅުން ކަމަށްވާ ހަސަން އާއި ހުސައިން އަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފަ އެވެ. އިންތިޚާބުގެ ކެމްޕޭން ކުރިއަށް ދިޔައިރު ކުލްސުލް، 66، ގިނައިން އުޅުއްވަން ޖެހުނީ ކެންސަރުގެ ފަރުވާ އަށް އިނގިރޭސި ވިލާތުގަ އެވެ.
ތަޖްރިބާކާރުން ބުނަނީ މިއަދުގެ އިންތިޚާބަކީ ނަވާޒް ޝަރީފު މަގާމުން ދުރުކުރި ނަމަވެސް އެމަނިކުފާނުގެ ތާއީދު ނުގެއްލޭކަން ދެއްކުމަށް ކުރިމަތިވާނެ އިމްތިހާނެއް ކަމަށެވެ.
ލާހޯރުން ހުސްވެފައިވާ ގޮނޑި އަށް ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) އިން ވެސް ދަނީ ވާދަކުރަމުންނެވެ. ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕީޓީއައި އިން ދަނީ ކޮރަޕްޝަނާ ދެކޮޅު ސްލޯގަންގެ ދަށުން ކެމްޕޭން ކުރަމުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ 2013 ވަނަ އަހަރު ނަވާޒް ޝަރީފާ ވާދަކުރި ކެންޑިޑޭޓެވެ. އެ ފަހަރު ނަވާޒް ޝަރީފް ކާމިޔާބު ކުރެއްވީ 60 ޕަސެންޓް ވޯޓުންނެވެ.
ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ޕަންޖާބުގެ 147 ގޮނޑީގެ ތެރޭން 131 ގޮނޑި ވަނީ ނަވާޒް ޝަރީފުގެ ޕާޓީން ކާމިޔާބުކޮށްފަ އެވެ.