ޖެނިފާ ލޮރެންސް "ގޮސިޕް ގާލް" އަށް އޮޑިޝަން ހެދި
ޖެނިފާ ލޮރެންސް "ގޮސިޕް ގާލް" އަށް އޮޑިޝަން ހެދި

އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ ލޮރެންސްގެ ހުނަރުވެރިކަމާ ދޭތެރޭ މިހާރު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ލިސްޓްގައި އޭނާގެ ނަން އޮތުމަކީ އޭގެ ހެއްކެކެވެ.

ޖެނިފާ ލޮރެންސް "ގޮސިޕް ގާލް" އަށް އޮޑިޝަން ހެދި
ޖެނިފާ ލޮރެންސް "ގޮސިޕް ގާލް" އަށް އޮޑިޝަން ހެދި

އެކަމަކު އެނގޭ ހެއްޔެވެ؟ އޭނާއަކީ އޮޑިޝަނަކުން ރިޖެޓްކޮށްފައި ހުރި މީހެކެވެ. މަޝްހޫރު ޓީވީ ސިލްސިލާ ގޮސިޕް ގާލް (2007-2012) ގެ އޮޑިޝަން ލޮރެންސް ހެދި އެވެ. އޭރު އުމުރުން ގާތްގަނޑަކަށް 15 ވަރަކަށް އަހަރެވެ. އެ ސިލްސިލާގައި ބަތަލާ ބްލޭކް ލައިވްލީ ކުޅުނު ކެރެކްޓާ އަށް އޮޑިޝަން ހެދި ނަމަވެސް، އެއިން ފުރުސަތު ލިބޭ ގޮތް ނުވީ އެވެ.

"ގޮސިޕް ގާލް" ގެ މޭސްތިރިޔާ ޖޯޝް ޝްވާޓްޒް ވަލްޗާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ލޮރެންސް އޮޑިޝަން ހަދައިގެން ވެސް އެ ސިލްސިލާ އިން ފުރުސަތު ލިބޭ ގޮތް ނުވި ކަމަށާއި އެކަން އެނގުނީ މާ ފަހުން ކަމަށެވެ.

"އެއީ މީގެ ދިހަ ވަރަކަށް އަހަރު ކުރި. އެކަމަކު އޭރު ކިހިނެއް އެނގޭނީ ލޮރެންސަކީ މިހާރު ހޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެއް ބަތަލާއެއްކަން ވާނީ؟" އޭނާ ބުންޏެވެ.

ހަ ސީޒަނަކަށް ދެމިގެން ދިޔަ "ގޮސިޕް ގާލް" އިން ފުރުސަތު ނުލިބުނު ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން އެންމެ 14 އަހަރުގައި ލޮރެންސް ވަނީ އެކްޓް ކުރަން ފަށައިފަ އެވެ. އެގޮތުން "ކޮމްޕެނީ ޓައުން" ފަދަ ސިލްސިލާތަކުން ސުރުހީ އެޅި، ބަތަލާގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ސިލްސިލާ ދަ ބިގް އެންގްވާލް ޝޯ (2007-2009) އެވެ.

ލޮރެންސް ބޮޑު ސްކްރީނަށް ފާޅުވީ ސަޕޯޓިން ރޯލަކުން ގާޑަން ޕާޓީ (2008) އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ވަރުގަދަ ފިލްމްތަކެއް ކުޅެ، ހުނަރުވެރިކަން އެތައް ގުނައަކަށް ދައްކާލައިފަ އެވެ. އެކްސް މެން ސީރީޒާއި ހަންގާ ގޭމްސްގެ ފިލްމްތަކުން އޭނާ އަށް ފުރުސަތު ލިބުނީ ދެއްކި މޮޅު ހުނަރުންނެވެ.

އަދި "ގޮސިޕް ގާލް" ނިންމައިލި ލޮރެންސް ކުޅުނު ފިލްމް ސިލްވަ ލައިނިންސް ޕްލޭބުކް (2012) އިން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ އޮސްކާ ވެސް އުފުލައިލި އެވެ.

އުމުރުން މިހާރު 27 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "މަދާ" އެވެ. އަންނަ އަހަރު ރިލީޒްވާން ހުރި ލޮރެންސްގެ ފިލްމްތަކުގެ ތެރޭގައި "ރެޑް ސްޕެރޯ" އާއި "އެކްސް މެން: ޑާކް ޕީނިކްސް" ފާހަގަކޮށްލެވެ އެވެ.