ޑިޓިއުން ބޭންޑުން "ނަށާލާ" ގެ ޗެލެންޖެއް
ޑިޓިއުން ބޭންޑުން "ނަށާލާ" ގެ ޗެލެންޖެއް

މީގެ ދެ އަހަރު ކުރިން ޑިޓިއުން ބޭންޑުން ނެރުނު ވީޑިއޯ ލަވަ "ނަށާލާ" އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ. ހާއްސަކޮށް ލަވައިގެ ސްޓެޕްތައް ކެޗީކަމުން، ލަވައިގެ ސަޅިކަން މާ ބޮޑަށް ވެސް ދައްކުވައި ދެ އެވެ. މަގުމަތީގައި ނަށާ މަންޒަރުތަކެއް ދައްކުވައިދޭ މި ލަވައަކީ މުހައްމަދު މުންތަސިރު (މޮންކޮ) ގެ ޑައިރެކްޝަނެކެވެ. ލަވައަކީ ޑިޓިއުންގެ އަލްބަމް "ވަން ޑައުން" ގައި ހިމެނޭ ލަވައެކެވެ.

"ނަށާލާ" ރިލީޒް ކުރިތާ ދެ އަހަރު ފަހުން މި ލަވައިގެ އާ ޗެލެޖެންޖެއް ޑިޓިއުން ބޭންޑުން މިހާރު ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. ކުރަން ޖެހޭ ކަމަކީ "ނަށާލާ" އަށް ގޮންޖަހައިލެވޭ ވަރުގެ ވީޑިއޯ ކަވައެއް ތައްޔާރުކޮށްލުމެވެ. ފޭނުން މި ލަވަ އަށް އެ މީހުންގެ ބަނޑިތައް ލައްވައިގެން ލަވަ ކުޅެލަންވީ އެވެ.

ޑިޓިއުން ބޭންޑުން ބުނީ ލަވައިގެ ވީޑިއޯ ކަވާކޮށްފައި ފޮނުވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި އެންމެ ފުރިހަމަ ދެ ވީޑިއޯއަކަށް ވަރަށް ހާއްސަ ފުރުސަތެއް ވެސް ލިބޭނެ އެވެ. އެއީ އާންމުކޮށް ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ބޭންޑާ އެކު، ރިސޯޓްގަ އާއި އަދި މާލޭގައި ވެސް އެ މީހުންނާ އެކު ސްޓޭޖް ހިއްސާކޮށްލުމެވެ.

މީގެ އިތުރުން އެންމެ ސަޅި ދެ ލަވަ ހެދި ބަޔަކަށް "ވަން ޑަން" އަލްބަމް ޑިޓިއުންގެ ސޮޔާ އެކު ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ބޭންޑުން ބުނީ މިފަދަ ފުރުސަތެއް ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލީ މިއުޒިކް ދާއިރާ އިން ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވައިލަ ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންވެ މި ފުރުސަތު ބޭނުން ހިފުމަށް ޑިޓިއުނުން އެދެ އެވެ.

ކޮންމެއަކަސް އެ ބޭންޑްގެ "ނަށާލާ" އަށް ގޮންޖަހައިލުމަކީ ކޮށްލަން ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ. ހަމަމިއާ އެކު އެ ލަވައިގެ ތެރެއިން އިތުރު އުފެއްދުންތެރި ކަމެއް ދައްކައިލަން ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.