ސިޓީ ފަސް ބެލުމެއް ނެތް، ލިވަޕޫލަށް އުނދަގޫތަކެއް
ސިޓީ ފަސް ބެލުމެއް ނެތް، ލިވަޕޫލަށް އުނދަގޫތަކެއް

ލިވަޕޫލް (ސެޕްޓެމްބަރު 17) – ޕްރިމިއާ ލީގުގައި ރޭ ސާޖިއޯ އަގުއޭރޯގެ ހެޓްރިކާ އެކު ވަޓްފޯޑް އަތުން 6-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން އެ ޓީމުގެ ރަނގަޅު ފޯމް ހިފެހެއްޓިއިރު ބާންލީއާ 1-1 އިން އެއްވަރުވެ ލިވަޕޫލަށް އަނެއްކާ ވެސް އުނދަގޫތަކަކާ ކުރިމަތިވެއްޖެ އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން 15 ގޯލް ޖަހާފައިވާ ސިޓީ އޮތީ 13 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. މިރޭ އެވަޓަން އަތުން ތަފާތު ބޮޑުކޮށް މޮޅުވެގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.

ރަނގަޅު ފޯމެއްގައި ހުރި އަގުއޭރޯ ހެޓްރިކް ހެދިއިރު ސިޓީގެ އަނެއް ތިން ލަނޑު ޖެހީ ގެބްރިއަލް ޖީސަސް އާއި އޮޓަމެންޑީ އަދި ރަހީމް ސްޓާލިން އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ސިޓީ އަތުން 5-0 އިން ބަލިވެފައިވާ ލިވަޕޫލަށް އެ ނަތީޖާ އިން އަރައިގަތުމަށް ރޭ ބާންލީ އަތުން މޮޅުވުން އޮތީ ވަރަށް މުހިއްމުވެފަ އެވެ. ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާ އެކު އެ ޓީމު އޮތީ އަށް ޕޮއިންޓް ހަމަކޮށް އަށް ވަނައިގަ އެވެ.

ތިން މެޗުގެ ސަސްޕެންޝަނުގައި ހުރި ފޯވާޑް ސަޑިއޯ މާނޭ ނެތި ލިވަޕޫލް ކުޅުނު މި މެޗުގެ 27 ވަނަ މިނެޓުގައި ބާންލީން ވަނީ ކުރި ހޯދައިފަ އެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ ރޯމާ އިން މި ސީޒަނުގައި ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ކުޅެފަ އެވެ. މިއީ ބާސެލޯނާ އިން ގެންދަން މަސައްކަތްކުރި، އަދި ކްލަބް ދޫކޮށްލަން ވެސް އަމިއްލަ އަށް އެދުނު ކުޓީނިއޯ އެކަންތައްގަނޑުގެ ފަހުން ލިވަޕޫލުގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ.