ބާސާ އަށް ހަތަރު މެޗުން ހަތަރު މޮޅު
ބާސާ އަށް ހަތަރު މެޗުން ހަތަރު މޮޅު

ބާސެލޯނާ (ސެޕްޓެމްބަރު 17) – ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ޖެހި ލަނޑާ އެކު ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ އިން ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ބާސެލޯނާ އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ރެއާލް ސޮސިއެޑާޑެވެ. ވާދަވެރި ރެއާލް މެޑްރިޑް އޮތީ ފަސް ޕޮއިންޓާ އެކު 11 ވަނައިގަ އެވެ. މިރޭ ސޮސިއެޑާޑް އަތުން މޮޅުވެގެން ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު މެޑްރިޑަށް އެބައޮތެވެ.

ރަށުން ބޭރުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ގެޓަފޭ އިން ވަނީ ލީޑު ނަގައިފަ އެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 62 ވަނަ މިނެޓުގައި ޑެނިސް ސުއަރޭޒެވެ. އެ ޓީމު މޮޅުކޮށްދިން ގޯލް ޕައުލީނިއޯ ޖެހީ 84 ވަނަ މިނެޓުގަ އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ އާ ސްޓޭޑިއަމުގައި ކުޅުނު ފުރަތަމަ މެޗުގައި މަލާގާ އަތުން 1-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަން އެވެ. އޭނާ ވެފައިވަނީ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާ އަށެވެ. އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ.