17 ސެޕްޓެމްބަރ 2017 - 06:05

އަހަރުމެންގެ ދެވަނަ ދަރިފުޅަށް އަށާރަ އަހަރު ފުރުނުއިރު އަހަރުމެންގެ ބީރަށްޓެހިކަމަށް ދެ އަހަރު ފުރިއްޖެއެވެ. ޚިޔާލު ތަފާތުވުން ބޮޑުވެއްޖެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފިއްޔާ އަރައިރުމަކުން ނޫނީ ނުނިމެއެވެ. އެންމެ ހެއްވާކަމަކީ އަސްލު މައްސަލަ އަހަރުމެންނަށް ނޭނގުމެވެ. ނުވަތަ އެނގޭކަމަށް ނުހެދުމެވެ. އޭރުން އަމިއްލައަށް އެ ކަން ރަނގަޅުވެދާނެހެން ހީވާތީއެވެ. އަހަރުމެންގެ އަތްމަތި ދަތީކީ ނޫނެވެ. ރާނިޔާ ބޭނުން ކޮންމެ އެއްޗެއް އަހަރެން ގަނެދެމެވެ. އޭނައަކީ ސަރުކާރު އޮފީހެއްގެ ވެރިޔެކެވެ. އަހަންނަކީ މުއްސަނދި ވިޔަފާރިވެރިޔެކެވެ. އެހެންނަމަވެސް، އަހަރުމެންގެ ދިރިއުޅުމުގައި އުފަލެއް ނެތެވެ. މަރުނުވާތީ އުޅެނީއެވެ. ދަރިންނަށްޓަކައި ހެއްޔެވެ؟ ވެދާނެއެވެ. ދުނިޔޭގެ ލަދަށްޓަކައި ވަރިނުވާން ހެއްޔެވެ؟ އެހެން ވެސް ވެދާނެއެވެ. ރައްޓެހިން މަލާމާތް ކޮށްފާނެތީ ހެއްޔެވެ؟ އެއީ ވެސް ވެދާނެ ގޮތެކެވެ. އަނބިމީހާ ވަރިކުރަން ނުޖެހޭނެކަމަށް އަހަންނަށް ވަކާލާތު ކުރެވިފައިވާ ވަރުންނެވެ.
ހަނދުވަރު ރީތި ރެޔެކެވެ. އުޑުމަތީގައި ވިލާ މަދުވެފައި ރޯޅި މަޑެވެ. އަހަރެން ހަނދަށް ނަޒަރުހިންގައިލީމެވެ. އެ ވަގުތު ހަނދު ނިވައިކޮށްލި ވިލާކޮޅު އަހަންނަށް ފެނުނީ ލާނެތް ހިނިތުންވުމެއް ވެރިވެފައިވާ މޫނެއްގެ ސިފައިގައެވެ. ބުނި ކަހަލައެވެ. ތީ ހަމަ ބޭކާރު ކަމެކެވެ. ތިޔަ ކައިވެނީގެ ހީނަރުކަން ފިލާނެ އެއްވެސް ފަންޑިތައެއް ނެތެވެ. އިންކާރު ކުރުމުގެ ގޮތުން އަހަރެން ދެއަތަކަށް ބޯހޫރައިލީމެވެ. އެ ގޮތް ގަބޫލުކުރަން ބޭނުން ނުވާތީއެވެ. އަހަރުމެންގެ ގުޅުމަށް ކޮންމެވެސް ކަހަލަ ރަނގަޅު ބަދަލެއް އަންނަން އަހަރެން ބޭނުންވެއެވެ. ރާނިޔާގެ މޫޑު އަލުން ރަނގަޅު ވެދާނެކަމަށް ވެސް އުންމީދު ކުރެވެއެވެ.
ހުޅުމާލެއަށް އަހަރުމެން ދިޔައީ ވަކި ޚާއްޞަ ބޭނުމެއް އޮވެގެނެއް ނޫނެވެ. މާލޭގެ ރެސްޓޯރަންޓުތަކަށް ގޮސްގޮސް އަހަރުމެން ފޫހިވީކީ ވެސް ނޫނެވެ. ކުޑަކޮށް ތަފާތުކޮށްލަން ރާނިޔާ ބޭނުންވީއެވެ. އެ ރެޔަކީ، ދަތުރުކޮށްލަން ވަރަށް ހިތްގައިމު ރެޔެކެވެ. ފާލަމަށް ލާންޗު ކައިރިކުރުމުން ފުރަތަމަ ފޭބީ އަހަންނެވެ. ފައިބައިފައި ރާނިޔާއަށް އަތް ދިއްކޮށްލީމެވެ. އަހަރެންގެ އަތަކު ރާނިޔާއެއް ނުހިފިއެވެ. އޭނަ ހިފީ ލާންޗުގެ ފަޅުވެރިއެއްގެ އަތުގައެވެ. ހިތުން އަހަރެން ރުޅިއަންނާނެކަމަށެވެ. އަހަރެން ގާތަށް އައީ ހިންޏެވެ. ލާންޗުގެ ހުރިހައި ފަޅުވެރިންނަށް މުސާރަ ދެނީ އަހަންނެވެ. އޭނަ ކޮއްޕައިލައިފައި ވެސް އަހަންނަށް ރާނިޔާގެ އަތުގައި ހިފުނީހެވެ. ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާނިޔާއަކީ އަހަރެންގެ އަނބިމީހާއެވެ. ދާންޖެހޭނީ އަހަރެންގެ ގެއަށެވެ. ނިދާނީ އަހަރެންގެ އެނދުގައެވެ.
"ކޮންކަމަކާ މާ ހިންޏެއް އައިއްސަ ތި ހުންނަނީ؟" އެކުގައި ހިނގައިގަންނަމުން، މަޑުމަޑުން ރާނިޔާ ބުނެލިއެވެ.
"މަގޭ ދަތް ހުދުކަމުން،" އަހަރެން ބުނީމެވެ. "ލޮލަށް އުނދަގޫވޭތަ؟"
ރާނިޔާ ޖަވާބެއް ނުދިނެވެ. އިވުނުކަމަށް ވެސް ނުހެދިއެވެ. އަހަރެން ޓެކްސީއެއް ހުއްޓުވީމެވެ. ކާރަށް ނާރައި ރާނިޔާ ދިޔަގޮތަށް ދިޔައީއެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާނިޔާއާ އެއްވަރުކުރީމެވެ.
"ތީ ކުޑަކުއްޖެއްތަ؟" އަހަރެން އެހީމެވެ. "ދާނީ ހިނގާފައޭ ބުނެލި ނަމަ ކީއްވާނީ؟"
"އަމީން އެހިންތަ؟" ރާނިޔާ ބުނެލިއެވެ. "އަބަދުވެސް މަގޭ ބޮލަށް ކަނޑައިލާނީ."
ވަމުންދިޔައީ އާ ކަމެއް ނޫނެވެ. އަހަރުމެން ދެމަފިރިން އެއްތަން ވެއްޖިއްޔާ، އެކަކު ރުހޭ އެއްޗެއް އަނެކަކަށް ބުނެވޭނީ މަދު ފަހަރަކުއެވެ. ތިބެވޭނީ ދަނޑިވަޅަކަށް ބަލަބަލައެވެ. އަހަންނަށް ވެސް ވަނީ އެ ވަރެވެ.
"އަހަރެންދެކެ ލޯބިވޭތަ؟" ރާނިޔާ އެހީ ދުވަހަކު ވެސް ނާހާ ސުވާލެކެވެ.
"އާނއެކޭ ބުންޏަކަސް ގަބޫލެއް ނުކުރާނެ،" އަހަރެން ބުނީމެވެ. "ނޫނެކޭ ބުނެފިއްޔާ އަންނާނީ ރުޅި. އާނ ލޯބިވޭ! ވަރަށް ލޯބިވޭ!"
ރާނިޔާ ހުއްޓިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނަ ހިތަށްއެރީ ކީކޭކަމެއް އަހަންނަކަށް ނޭނގެއެވެ. ލޯބިވާ ވާހަކަ އަހަންނަށް ބުނެވުނު ރާގު ކަމުނުދިޔައީކަމަށް ވެސް ވެދާނެއެވެ. ރާނިޔާ މިސްރާބުޖެހީ ރެސްޓޯރަންޓަކަށެވެ. އޭނަގެ ފަހަތުން އަހަރެން ދިޔައީމެވެ. ރާނިޔާ ވަނީ އަހަރެން އުންމީދުކުރި ތަނަކަށް ނޫނެވެ. އެ ތަން ހުރަސްކޮށްފައި، މަގުގެ އަނެއް ފަރާތުގައި ހުރި ތަނަކަށެވެ. އަހަރުމެން ވަނީ އެކުއެކީގައެވެ. ހިތްގައިމު މާޙައުލެކެވެ. މީހުން ވަރަށް މަދެވެ. ލުއި މިޔުޒިކެއް އިވެމުންދިޔައެވެ. ރާނިޔާ އިށީންނަން އަހަރެން ދުރުކޮށްލި ގޮނޑި ނޫން އެހެން ގޮނޑިއެއްގައި ރާނިޔާ އިށީނެވެ.
"މަ ބުނީ ދޮގެއް؟" އަހަރެން އިށީންނަމުން ބުނީމެވެ. "އައި ގޮތަށް އައިސް އަހަރެން އިށީން ނަމަ ބުނީސް..."
ވެއިޓަރު އައުމުން އަހަރެން ވާހަކަ މެދުކަނޑައިލީމެވެ. ލިބެންހުރި އެއްޗެހީގެ ބޮޑު ލިސްޓެއް މޭޒުމަތީގައި ބާއްވައިފައި، އަހަންނަށް އެ އަންހެންކުއްޖާ ހިނިތުންވެލިއެވެ. އަހަރެންގެ ހަތަރަސްފައި ދިޔައީ ފިނިވެގެންނެވެ. އޭނާގެ ކަޅިރަވަ އަހަރެންގެ ހިތުގައި ތޫފާނެއް އުފައްދައިލިއެވެ. އޭނަގެ ހިނިތުންވުން އަހަރެންގެ ސިކުނޑިއަށް ޒަލްޒަލާއެއް ގެނައި ކަހަލައެވެ. އިސްކޮޅުން ފަސް ވަރަކަށް ފޫޓުގެ ދޮން އަންހެންކުއްޖެކެވެ. ދިވެއްސެއްހެނެއް ހިޔެއްނުވެއެވެ. މަޑު މުށިކުލައެއްގެ ފަން އިސްތަށިގަނޑެކެވެ. އަލަށް ދުށް ކުއްޖެކެވެ. އެކަމަކު، ބީރައްޓެހިކަމެއް ނެތެވެ. އަހަންނަށް ބަލަހައްޓައިގެން އޭނަ ހުރީ ދެތިން ސިކުންތު ވަންދެންނެވެ. އެ ސިކުންތުކޮޅުގެ ތެރޭގައި އަހަރެންގެ ހިތާއި ސިކުނޑީގެ ފުރިހަމަ ކޮންޓުރޯލު އަތުލުމަށް ފަހު އޭނަ ދިޔައެވެ. ދެން އަހަންނަށް ފެނުނީ ރާނިޔާގެ ބޮޑު ދެ ލޮލެވެ. އަހަންނަށް ކަޅިއަޅައިގެން އިރުކޮޅަކު ރާނިޔާ އިނެވެ. އަހަރެން ކަރުކެހިލައިފައި ހަމަޖެހިލަން މަސައްކަތް ކުރީމެވެ.
"ކޮބާ ކޯޗެއް ގެންނަނީ؟" އަހަރެން ބުނެލީމެވެ.
ޒައްރަކަށް ވުރެ ކުދިކުދި ކަންތައް ބައްރަކަށް ހަދާ ރާނިޔާ އެއްވެސް ސުވާލެއް ނުކުރިއެވެ. އެއީ އަހަރެން ހައިރާން ކުރުވި ކަމެކެވެ. ރާނިޔާ ކާން ބޭނުންވާ އެއްޗެހި ކިޔެވެ. އަހަރެން ބޭނުންވާ އެއްޗެހި އަހަރެން ބުނީމެވެ. ބުނެފައި ބަދަލުކުރީމެވެ. އެހެން އެއްޗެއް ބުނީމެވެ. އެ ވެސް ބަދަލުކުރީމެވެ. އެހެން އެއްޗެއް ބުނެފައި، އަލުން ކުރިން ބުނި އެތި ބުނީމެވެ.
"އަމީންގެ ފްރެންޑަށް ގޮވައިލަންވީނު އޯޑަރު ނަގަން އަންނާށޭ،" ރާނިޔާ ބުންޏެވެ. "އޭނަ އެބަހުރި ބަލަހައްޓައިގެން. މި ނޫން ދިމާއެއް އޭނައަކަށް ނުބެލޭ."
އަހަރެން ބަލައިލިއިރު އެއީ ތެދެކެވެ. އެ ވެއިޓަރު ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތް ކުރަމުންދިޔައީ އެންމެ ސުވާލެކެވެ. އެއީ ކާކު ހެއްޔެވެ؟ އަހަންނަށް އޭނަ ކުރިން ފެނިފައިވަނީ ކޮންތާކުން ހެއްޔެވެ؟
"މަ ނުދަންނަން އޭނައެއް،" އަހަރެން ބުނީމެވެ. "ކޮންމެ ކަސްޓަމަރަކަށް ވެސް އޭނަ ބަލާނީ އެހެން. އެ މީހުންގެ ޖޮބު ވިއްޔަ."
"ރީތިތަ އޭނަ؟" ރާނިޔާ ސުވާލުކުރިއެވެ.
އަހަރެން ހައިރާންވެފައި ރާނިޔާއާ ދިމާއަށް ބަލަހައްޓައިގެން އިނީމެވެ.
"ތީ އަންބަކު ފިރިމީހާއާ ކުރާ ކަހަލަ ސުވާލެއްތަ؟" އަހަރެން ބުނީމެވެ.
"އާނ އެހެން ވެސް މަ އަހައިފިއްޔާ އެއީ މައްސަލައެއް،" ރާނިޔާ ނުރުހިފައި ބުންޏެވެ. "ކީއްތަވާނީ ރީއްޗޭ ބުނިއްޔާ؟"
އަހަރުމެން ނުވެސް ގޮވަނީސް އޭނަ އައެވެ. އޯޑަރު ތައްޔާރުތޯ ސުވާލުކުރިއެވެ. ވާހަކަދެއްކީ އިނގެރޭސިބަހުން ވަރަށް ފަރިތަކޮށެވެ. ރާނިޔާއަކަށް އޭނަ ނުބަލައެވެ. ވަރަށް ހިނިތުންވެފައި އޭނަ ބެލީ އަހަންނަށެވެ. އަހަންނަށް ޝައްކުވިއެވެ. ރާނިޔާ ކަމެއް ރޭވީބާއެވެ؟ ކުއްލިއަކަށް ހުޅުމާލެއަށް އަންނަން ރާނިޔާ ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު ރާނިޔާގެ ރޭވުން އެހާ މޮޅެއް ނޫނެވެ. ފެންނަ ފުރަތަމަ ފަހަރު ރައްޓެއްސަކަށް ބަލާހެން ބެލުމަކީ މޮޅުކަމެއް ނޫނެވެ. ކުއްލިއަކަށް ހުޅުމާލެއަށް އަންނަން ބޭނުންވުމާއި، ކުއްލިއަކަށް ވަކި ރެސްޓޯރަންޓަކަށް ވަންނަން ބޭނުންވުމަކީ ވެސް ބުއްދިވެރިޔަކު ކުރާ ކަހަލަ ކަންކަން ހެއްޔެވެ؟ އެ އިން އެއްވެސް ކަމެއް އަހަންނަށް ފާހަގަކުރެވުނު ކަމަކަށް ނަހަދަމެވެ.
"އަމީން!" ރާނިޔާ ގޮވައިލިއެވެ. "އޯޑަރު ކިޔައިދޭންވީނު ދޯ!"
އެ ވެއިޓަރާ ހަތަރުކަޅި ހަމަވާއިރަށް އަހަރެންގެ ހިތަށް ގޮތްތަކެއް ވެއެވެ. އަހަރެން ވަނީ އޭނަގެ މޫނަށް ބަލަންއިންނަ ހިތެވެ. ޚުދު އަހަރެންގެ ހިތް ބުނަންއުޅެނީ ކީކޭކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭކަމަކީ، އަހަރުމެން ދެ މީހުންގެ ދެމެދުގައި ގުޅުމެއް އުފެދިއްޖެ ކަމެވެ. އަމިއްލަ ބާރަކާ ނުލައެވެ. އޯޑަރު ކިޔައިދިންއިރު އޭނަގެ މޫނަކަށް އަހަރެން ނުބަލަމެވެ. ޝުކުރުއަދާކޮށްފައި އޭނަ ދިޔައެވެ. ރާނިޔާ އިތުރަކަށް އެ ވާހަކައެއް ނުދައްކައެވެ. ދެއްކި ނަމަ އަހަރެންގެ ޝައްކު ބޮޑުވީހެވެ. ނުދެއްކުމުން ވެސް ވަކި ކުޑައެއް ނުވިއެވެ.
މާލެ އައިއިރު އަހަރެން އެކިއެކި ވާހަކަދެއްކީމެވެ. ބަސްމަދުވެފައި ނީންނަން ވެގެންނެވެ. އެކަމަކު، އެ ވެއިޓަރުގެ ތަސްވީރު ސިކުންތަކަށް ވިޔަސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދިޔައެވެ. އެއީ ރާނިޔާ ގަސްތުގައި ކުރި ކަމެއްކަމަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅޭ ހިތަށްއެރިއެވެ. އޮޅިގެން ވެސް އެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަފުތާއެއް ފަހުން އަހަރުމެން ސިންގަޕޫރަށް ފުރަމެވެ. އިސްކޫލުތައް ބަންދުވެފައި ވާތީއެވެ. ޢާއިލާ އެކުގައި ދިހަ ދުވަސް ހޭދަކުރާއިރު، ވެއިޓަރާ ބެހޭ އެއްވެސް ވާހަކައެއް އަހަރެންގެ ދުލަށް ނައިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.
ނިދެމުންނިދެމުން ދަނިކޮށް ކުއްލިއަކަށް އަހަރެންގެ ދެ ލޯ ތަންމިނަށް ހުޅުވުނެވެ. ނޫނެކެވެ. ހިތާހިތުން އަހަންނަށް ބުނެވުނެވެ. އެހެން ވެދާނެބާއެވެ؟ ދެން ބަލައިލެވުނީ ރާނިޔާއަށެވެ. އޭނަ އޮތީ ނިދާފައެވެ. ނުވަތަ ނިދިކަމަށް ހަދައިގެންނެވެ. އަހަރެން ބޭނުންވީ ހުޅުމާލެއަށް ދާށެވެ. އެ ރެސްޓޯރަންޓަށް އަލުން ވަންނާށެވެ. އެ ކުއްޖާޔާ ސުވާލުކުރާށެވެ. އަހަންނާ ދިމާއަށް އެ ވަރަށް ބެލީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖެހިގެން އައި ދުވަހު އަހަރެން ހުޅުމާލެއަށް ދިޔައީމެވެ. އެ ރެސްޓޯރަންޓަށް ވަނީމެވެ. އޭނައެއް ނެތެވެ. އޭނަގެ ދަންފަޅި ފެށެނީ ރޭގަނޑެވެ. އިރުއޮއްސެންދެން އަހަރެން މަޑުކުރީމެވެ. ހަތެއް ޖަހަނިކޮށް އޭނަ އައެވެ. ކުރީ ރެޔަށް ވުރެ މާ ރައްޓެހިކޮށް އަހަންނަށް ހިނިތުންވެލިއެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އިއްތިފާޤަކަށް ވެދާނެބާއޭ ހިތަށްއެރިއެވެ. އަހަރެންނަށް ވުރެ ކުރިން އޭނަ ވާހަކަދެއްކިއެވެ. ހާލު އެހިއެވެ. އޭނައަށް ފޯނުކޯލެއް އައެވެ. ފޯނު ހިފައިގެން އޭނަ ދުރަށްޖެހިލިއެވެ. ގުޅީ ރާނިޔާހެން ހީވިއެވެ. އަހަރެން ގުޅިއިރު ރާނިޔާގެ ފޯނު އެންގޭޖެވެ. ވާހަކަދައްކަން އިރުކޮޅަކު ހުރުމަށް ފަހު އޭނަ އައެވެ.
"ރަށުން އައި ކޯލެއް،" އަހަރެން ނުވެސް އަހަނީސް އޭނަ ބުންޏެވެ. "ހެޔޮތަ ފޮޓޯއެއް ނެގިޔަސް؟"
ހިތަށްއެރިއެވެ. ފޮޓޯ ފޮނުވަން ރާނިޔާ ބުނީއެވެ. އެ ރެސްޓޯރަންޓަށް އަހަރެން އައިކަން ސާބިތުކުރުމަށް ޓަކައެވެ. އަހަރެން އިންކާރު ކުރީމެވެ. އެހެންނަމަވެސް އޭނަ ފޮޓޯނެގިއެވެ.
ނުނިމޭ