ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަކުރާނަން: ކިމް
ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަކުރާނަން: ކިމް

ޕިއޮންޔޮން (ސެޕްޓެމްބަރު 16) - ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަކޮށް، އަމާޒަށް ވާސިލްވާނެ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.

ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަކުރާނަން: ކިމް
ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަކުރާނަން: ކިމް

ކިމްއާ ހަވާލާދީ ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ނިއުކްލިއާ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ބޭނުމަކީ އެމެރިކާގެ އަސްކަރީ ބާރުގަދަ ވެގެން ގޮސް ބެލެންސް ގެއްލިދާނެތީ ކަމަށެވެ. ކިމް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޖަޕާން މަތިން ދުރު ރާސްތާ މިސައިލެއް އިއްޔެ ފޮނުވާލާފައި ވަނިކޮށެވެ.

"ހައްދެއް ނެތް މިންވަރަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވީ ނަމަވެސް ބާރު ހުރި ކަމަށް ބުނާ ފަރާތްތަކަށް ދައްކައިދޭނަން، ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މަގްސަދު ހާސިލް ކުރަނީ ކިހިނެއްކަން،" ކިމްއާ ހަވާލާދީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ނިއުކްލިއާ ޕްރޮގްރާމުގެ ހަގީގީ ބޭނުމަކީ އެމެރިކާއާ އެއްވަރުގެ އަސްކަރީ ބާރެއް އުފައްދާ، ނޯތު ކޮރެއާ އަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ވެރިންނަށް ބުނަން ނުކުރެވޭ ވަރު ކުރުން ކަމަށް ވެސް ކިމް ވިދާޅުވި ކަމަށް ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ނޯތު ކޮރެއާ އިން އެންމެ ފަހުން ފޮނުވާލި މިސައިލް ވަނީ 770 ކިލޯ މީޓަރު (478 މޭލު) މަތިން، 3،700 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށް ސައުތު ކޮރެއާ އިން ބުންޏެވެ. މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ ހޮކައިޑޯ ކަނޑަށެވެ. މިއީ ނޯތު ކޮރެއާގެ މިސައިލެއް އެންމެ ދުރަށް ދަތުރު ކުރި ފަހަރު ވެސް މެ އެވެ. އަދި އެއީ އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމަށް ފޯރާވަރުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލް ފޮނުވާލާފައި މިވަނީ ނޯތު ކޮރެއާ އިން ބާރުގަދަ ނިއުކްލިއާ ބޮމެއް ޓެސްޓްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.