16 ސެޕްޓެމްބަރ 2017 - 16:09

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޓިއުބް ރޭލެއްގައި އިއްޔެ ދިން ހަމަލާގެ ތުހުމަތުގައި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މެޓްރޯޕޮލިޓަން ޕޮލިސް ޑިޕިއުޓީ އެސިސްޓެންޓް ކޮމިޝަނާ ނީލް ބާސޫ ވިދާޅުވީ "އެއީ މުހިންމު ހައްޔަރު ކުރުމެއް" ކަމަށާއި ތުރެޓް ލެވެލް އަދިވެސް މަތީގައިވާ ކަމަށެވެ. އާއްމުން ސަމާލުވެ ތިބުމަށާއި މީހަކު ހައްޔަރު ކުރުމާ އެކު ފުލުހުންގެ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާސަންސް ގްރީން ސްޓޭޝަނުގައި ބިމު އަޑީ ރޭލުގައި ގޮއްވާލަން އުޅުނު އައިއީޑީގެ ހާދިސާގައި ވަނީ 30 މީހުން ޒަޚަމްވެފަ އެވެ. ލަންޑަން އެމްބިއުލެންސް ސާވިސް އިން ބުނީ ފަރުވާ ދިނުމަށް ފަހު ގިނަ މީހުން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަދިވެސް ތިން މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ލަންޑަނުގައި ހަމަލާ ދިން ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ބުނެފަ އެވެ. މެޓް އެސިސްޓެންޓް ކޮމިޝަނާ މާކް ރޯލީ ވިދާޅުވީ މި ގޮތަށް ދޭ ހަމަލާތަކުގައި އެ ޖަމާއަތުގެ މީހަކު ބައިވެރިވިއަސް، ނުވިއަސް އެ ކަމެއްގެ ޒިންމާ އުފުލާ ކަމަށް އައިއެސް އިން ބުނުމަކީ މިހާރު އާދަޔަކަށް ހަދާފައިވާ ކަމެއް ކަމަށެވެ.
ހަމަލާގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ މަންޒަރު ދުށް 45 މީހަކާ ސުވާލުކޮށްފަ އެވެ. އަދި އާއްމުންގެ އަތުން ވަނީ 77 ފޮޓޯ ހޯދައިފަ އެވެ. ފުލުހުން ބުނެފައި ވަނީ ސަބްވޭ ރޭލުގައި ދިން އުޅުނީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.