ސަރުބީ ވިރުވާލާ ޕެޗެއް އީޖާދުކޮށްފި
ސަރުބީ ވިރުވާލާ ޕެޗެއް އީޖާދުކޮށްފި

ހަށިގަނޑުގެ އެތައް މިތަނުގައި ޖަހާފައި ހުންނަ ސަރުބީތައް ދުއްވާލަން އުނދަގޫވެގެން އުޅޭ މީހުންނަށް ޚާއްސަކޮށް ސައިންސްވެރިން ޕެެޗެއް އީޖާދުކޮށްފި އެވެ.

ސައިންސްވެރިން ބުނަނީ ސަރުބީ ވިރުވާލާ ކަހަލަ ބޭސްތަކެއް އަޅައިގެން ތައްޔާރުކޮށްފައިވާ މި ޕެޗް ސަރުބީ ހުންނަ ހިސާބެއްގައި ތަތްކޮށްލައިގެން، އެ ތަނެއްގައި ހުންނަ ސަރުބީ ވިރުވާލެވޭނެ ކަމަށެވެ. "މައިކްރޮސްކޮޕިކް ނީޑްލް"ތަކެއް ލައިގެން ހަދާފައިވާ މި ޕެޗަކީ ސަރުބީ ވިރުވާލައި ހިކުމަށް ވެސް ބައެއް މީހުންނަސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މި ޕެޗް މިހާރު ވަނީ މީދަލުގައި ޓެސްޓްކޮށްފައި ކަމަށާއި މި ބޭނުންކުރުމުން މީދަލުގެ ގައިން 20 ޕަސެންޓް ސަރުބީ ވިރުވާލެވުނު ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ޕެޗަކީ ސަރުބީވިރުވައިދޭ ނިޒާމުގެ މައްސަލަތައް ނުވަތަ މެޓަބޮލިކް ޑިސްއޯޑާގެ ތެރޭގައި ހިމެނޭ ފަލަބައްޔާއި ހަކުރުބައްޔަށް ފަރުވާ ކުރުމުގައި ވެސް އެހީތެރިވެދޭނެ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮލަމްބިއާ ޔުނިވަސިޓީ މެޑިކަލް ސެންޓަރާއި ޔުނިވަސިޓީ އޮފް ނޯތު ކެރޮލައިނާގެ ސައިންސްވެރިން ބުނާ ގޮތުން މި ޕެޗް ހަންގަނޑުގައި ތަތްކޮށްލުމުން ހަކަތަ ރައްކާކުރާ ވައިޓް ފެޓް، ހަކަތަ އަންދާލާ ބްރައުން ފެޓަށް ބަދަލުކޮށްލަ އެވެ. އަދި ޖުމްލަގޮތެއްގައި ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ސަރުބީ ވިރުވައިދޭ މިންވަރުވެސް ރަނގަޅު ކޮށްދެ އެވެ.

ބުރަކަށީގައި ވަކިން އިންނަ މަސްކޮޅެއް ނުވަތަ ކިތަންމެ ކަސްރަތެއް ކުރިޔަސް ބަނޑުގައި ވިރުވާނުލެވިފައި މަސްކޮޅެއް އިންނަމަ މީގެ ޕެޗެއް އެފަދަ ތަންތަނުގައި ތަތްކޮށްލައިގެން ސަރުބީ ކޮޅު ވަކިން ވެސް ވިރުވާލެވޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ޕެޗްގައި މައިކްރޮސްކޮޕިކް ނީޑްލް ތަކެއް ހުރި ނަމަވެސް ހަންގަނޑުގައި ތަތްކޮށްލާއިރު އެއްވެސް ތަދެއް އިހްސާސް ނުވާނެ ކަމަށާއި ބޭނުން ތަނެއްގައި ހަމަ މި ޕެޗް ހަރުކޮށްލަންވީ ކަމަށް ވެސް މި ޕެޗް އީޖާދު ކުރި ފަރާާތްތަކުން ވަނީ ބުނެފަ އެވެ.

ޕެޗްގައިވާ ކުދިކުދި ނީޑްލްތަކުގެ ތެރޭގައިވާ ނޭނޯޕާޓިކަލްސް އިން ބޭސް ދޫކުރަނީ ހަމުގެ އަޑީގައިވާ ޓިޝޫ ތަކަށެވެ. އެއާއެކު ބޭސް މުޅި ހަށިގަނޑަށް ފެތުރެނީ އެވެ.