17 ސެޕްޓެމްބަރ 2017 - 06:09

ޕެރޫގައި އުޅޭ މީހެއް ކަމަށްވާ އަލެޖެންދުރޯ ރޯމިއޯ މާޓިނޭޒްގެ ހަށިގަނޑު މިހާރު ހުރީ އޭނާގެ ހަށިގަނޑު އަސްލު ހުންނަ ސައިޒަށް ވުރެ ދެ ގުނަ ފުފިފަ އެވެ. އެހެން ދިމާވެފައި ވަނީ ޑައިވިނަށް ގޮސް އުޅެފައި ކުއްލިއަކަށް މައްޗަށް އެރުމުންނެވެ. މިއީ ޑައިވިނަށް ގޮސް ކުއްލިއަކަށް މާ އަވަހަށް މައްޗަށް އެރުމުން ދިމާވި ޑިކޮމްޕްރެޝަން ސިކްނަސްގެ ސަބަބުން ވީ ގޮތެކެވެ.

މި ހާދިސާއަށް ހަތަރު އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް މިހާރުވެސް ވަރަށް ބޮޑަށް ތަދުވެ އެވެ. އަދި ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައި މިހާރު އޭނާއަށް ޖެހިފައިވަނީ ހަށިގަނޑުގައި އަޅާ ވޭނަށް ބޭސް ކުރާށެވެ. އަދި ކުއްލިއަކަށް އޭނާގެ ބަރުދަން 25 ވަރަކަށް ކިލޯ ބަރު ވެސް ވެފައިވެ އެވެ.
ސީ ފުޑް ހޯދަން ފީނަން އުޅެފައި އަލެޖެންދުރޯ ކުއްލިއަކަށް މައްޗަށް އެރީ ދިމާވެދާނެ މައްސަލައަކާ މެދު މާބޮޑަށް ވިސްނާ ނުލަ އެވެ. މިގޮތަށް ކުއްލިއަކަށް މައްޗަށް އެރުމުން ލޭގެ ތެރޭގައި ހުރި ނައިޓްރިޖަން އިން ބޮކިތަކެއް އުފެދުނީ އެވެ.
ނައިޓްރިޖަން އިން ވައި ބޮކިތަކެއް ކަހަލަ އެއްޗެހިތަކެއް އުފެދި މުޅި ހަށިގަނޑު އިސާހިތަކު ފުފުނީ އެވެ. މި ކަމުގެ ހަށިގަނޑުގައި ވަރަށް ވަރުގަދަ ވޭނެއް ހުރުމުގެ އިތުރުން އޭނާއަކީ ވައި ޖަހާ ފުއްޕާލާފައި ހުރި މީހެކޭ އެއްގޮތެވެ.
މިގޮތަށް ދިމާވާ މައްސަލައަށް ކިޔަނީ ޑިކޮމްޕްރެޝަން ސިކްނަސް ނުވަތަ "ދަ ބެންޑްސް" އެވެ. މިއީ ޑައިވަރުންނަށް ކުރިމަތިވާ އެންމެ ބިރުވެރި އެއް ކަންތަކެވެ.
އޭނާ ފަރުވާ ހޯދަމުންދާ ޕިސްކޯ ސިޓީގެ ސަން ޖުއާން ޑި ޑިއޮސް ހޮސްޕިޓަލުގެ ޑޮކްޓަރު މިގުއެލް އެލާކޮން ވިދާޅުވީ އަލެޖެންދުރާގެ ހަށިގަނޑުގައި ހުރި ނައިޓްރިޖަންގެ 30 ޕަސެންޓް މިހާރު މަދުކުރެވިފައިވާ ކަމަށެވެ. ޑެއިލީ މިރާ އިން ބުނި ގޮތުގައި ނައިޓްރިޖަންތައް ހުސްކުރުމުގެ މަސައްކަތް ވެފައި ވަނީ ޑޮކްޓަރުންނަށް ވެސް ވަރަށް އުނދަގޫ ކަމަކަށެވެ.
އަލެޖެންދުރޯ އަށް ދިމާވި މި މައްސަލައަކީ އާންމުކޮށް މީހުންނަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އަލެޖެންދުރޯގެ ހަށިގަނޑުގައި ފުއްޕާހަންތަކެއް ކަހަލަ އެއްޗެހިތަކެއްގައި ނައިޓްރިޖަން ހުރެފައި އެ ހަންތައް ހުރީ އޭނާގެ މަސްގަނޑުގެ ވަށައިގެން ކަމަށް ވާތީ އެވެ.
ޑިކޮމްޕްރެޝަން ސިކްނަސްގެ އަލާމާތްތަކުގެ ތެރޭގައި ހުޅުތައް ދުޅަވުން، ހަންގަނޑު ހިރުވުން، ސިކުނޑިއަށް ގެއްލުންވުން، ވާގިނެތުން، ބޮލުގައި ރިއްސުން، ކެއްސުން، ބޯއެނބުރުން އަދި މޭނުބައިކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. ޑިކޮމްޕްރެޝަން ސިކްނަސް އާއްމުކޮށް ދިމާވަނީ ސްކޫބާ ޑައިވިންގައި މާ އަވަހަށް މައްޗަށް އެރުމުންނެވެ. މިފަދަ ކަމެއް ދިމާވުމުން ވަގުތުން މަރުވުމަކީ ވެސް ވަރަށް ކައިރި ކަމެކެވެ.'