ދޮންނަ މެޝިނެއްގައި ރޯވެގެން ފިހުނު މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް
ދޮންނަ މެޝިނެއްގައި ރޯވެގެން ފިހުނު މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

މާލޭގެ ގެއެއްގައި ދޮންނަ މެޝިނެއްގައި ރޯވެ، ރޭ ފިހުނު އުމުރުން ދުވަސްވީ އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފިހުނު މީހާ އަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލްގެ ސާޖިކަލް ވޯޑުގެ އައިސީޔޫގަ އެވެ. އެ މީހާގެ 55 ޕަސަންޓް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މއ. ފެސިނޭޝަންގައި ރޭ ހިނގި ހާދިސާގައި ފިހުނު މީހާގެ އިސްތަށިގަނޑާއި ހަށިގަނޑުގެ ބައެއް ހިސާބުތައް ވެސް ފިހިފައިވެ އެވެ.

"ފިހުނު މީހާ ސްޓޭބަލް، ބަލިވީމަ ސްޓްރިކްޓް ޑައިޓެއް އާންމުކޮށް ޑޮކްޓަރުން ދެއްވާނެ. އެކަމަކު މިހާރު ނޯމަލް ޑައިޓެއް ބޭނުން ކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޮންނަ މެޝިންގައި ރޯވީ، އެ ގޭގެ ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓާ، ދިމާވި ހާދިސާއަކުންނެވެ. ނަމަވެސް އެ ގެއަކަށް ބޮޑު ގެއްލުމެއް ނުލިބެ އެވެ.