"ސުލްތާން" ދޫކޮށްލީ އާދައިގެ ރޯލަކަށް ވުމުން: ކަންގަނާ
"ސުލްތާން" ދޫކޮށްލީ އާދައިގެ ރޯލަކަށް ވުމުން: ކަންގަނާ

ބޮލީވުޑް ބަތަލާއިން ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިރުކުރަން ބޭނުންނަމަ ނަން މަޝްހޫރު ޚާނުންނާ އެކު ކޮންމެހެން ވެސް ފިލްމު ކުޅެން ޖެހޭ ކަމަށް ގިނަ ބަޔަކަށް އޮންނަނީ ހީވެފަ އެވެ. ނަމަވެސް ކަންގަނާ ރަނާވަތަކީ މި ވާހަކަ ގަބޫލުކުރާ ބަތަލާއެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ކާމިޔާބު ހޯދަން، ކޮންމެހެން މަޝްހޫރު ބަތަލުންނާއެކު ފިލްމު ކުޅޭކަށް ނުޖެހޭނެ އެވެ.

ކަންގަނާ ވަނީ އޭނާގެ މި ވާހަކައިގެ ތެދުކަން ސާބިތު ވެސް ކޮށްދީފަ އެވެ. ސަލްމާން ޚާން، އާމިރު ޚާން އަދި ޝާހްރުކް ޚާންގެ ފިލްމުތައް ނުކުޅެ އޭނާ ވަނީ އެމީހުންގެ ފިލްމުތަކަށް ވުރެ މާ ކާމިޔާބު ފިލްމުތައް ކުޅެފަ އެވެ.

ސަލްމާން ޚާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ސުލްތާން"ގެ ބަތަލާކަން ވެސް އެންމެ ފުރަތަމަ ލިބުނީ ކަންގަނާ އަށެވެ. ނަމަވެސް އޭނާ އެ ފިލްމު ނުކުޅެ ދޫކޮށްލީ އެވެ.

ކަންގަނާ ބުނި ގޮތުގައި "ސުލްތާން"ގެ ބަތަލާގެ ރޯލަކީ ހަމަ ކޮންމެ އެކްޓަރަކު ވެސް ކުޅެލަން ރަނގަޅު ކެރެކްޓާ އެކެވެ. ނަމަވެސް އޭނާއަށް އެ ކެރެކްޓާ ކަމު ނުދިޔައީ އެވެ.

"ތަނޫ ވެޑްސް މަނޫ" ކަހަލަ ފިލްމުތަކުގައި ޑަބަލް ރޯލު ކުޅެފައިވާ އަދި އޭގެ ކުރީގެ ފިލްމުތަކުގައި ވެސް ވަރަށް ވަރުގަދަ، އޭނާއަށް ޚާއްސަ ރޯލުތައް ކުޅެފައިވާ ކަންގަނާއަށް "ސުލްތާން"ގެ ކެރެކްޓާގައި މާ ބޮޑު ކަމެއް ކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ނަޒަރުގައި އެފަދަ ރޯލުތައް ކުޅުމަކީ އޭނާ ހުރި މަގާމުން ތިރިއަށް ސޮއްސާލުމެކެވެ.

"އަހަރެން ހިތަށް އެރި އަހަރެންނަށް ކުރާނެ މާ ބޮޑުކަމެއް ނެތް ފިލްމުތައް ކުޅެންވީ ކީއްކުރަންހޭ. އަހަރެން ހުރި މަގާމަށް ވުރެ ދަށް މަގާމަކަށް ވެއްޓެން ބޭނުން ނުވާތީ އެ ފިލްމު ނުކުޅެން ނިންމީ،" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި މިހާރު ދެން އޭނާ ބޭނުންވަނީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭ އަދި އޭނާގެ ހުނަރު ދައްކާލެވޭ ކަހަލަ ރޯލުތައް އެކަންޏެވެ. އެހެންނޫނީ ފިލްމެއްގައި ނިދާފައި ހުރެގެން ހިނގާފައި އުޅޭ މީހެއް ގޮތަށް އުޅޭކަށް އޭނާ ބޭނުމެއް ނުވެ އެވެ.

އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން"ވެސް ކަންގަނާ ނުކުޅެ ދޫކޮށްލިކަމުގެ ޚަބަރުތައް މީޑިއާގައި ތަންކޮޅެއް ކުރިން ފެތުރިފައިވެ އެވެ. ނަމަވެސް ކަންގަނާ ބުނީ އެ ފިލްމު ކުޅެން އޭނާއަށް ހުށަނާޅާ ކަމަށެވެ. އަދި ފިލްމުގެ ސްކްރިޕްޓްގައި އޮތީ ކޯޗެއްކަމެއް ވެސް ނޭނގޭ ކަމަށެވެ.