30 ޖޫން 2016 - 09:10

ދިވެހިންގެ ތެރޭގައި މަގުބޫލުވަމުން އަންނަ ބްރޭންޑް "ލަޝް ކޮސްމެޓިކްސް"ގެ ޝަވާ ޖެލީޒް ކިޔާ ސައިބޯންޏަކީ ވަރަށް އާދަޔާ ހިލާފު އުފެއްދުމެކެވެ. އާއްމުކޮށް އަހަރެމެންނަށް ފެންނަނީ ހަރުކޮށް ނުވަތަ ފުޅިއަކަށް އަޅާފައި ހުންނަ ދިޔާ ސައިބޯންޏާއި ޝަވާ ޖެލް އެވެ.
ލަޝް އަށް 10 އަހަރު ފުރުމާ ދިމާކޮށް 2006 ގައި ތައާރަފުކުރި ޝަވާ ޖެލީޒް އަކީ ޖެލީ ކޮޅެއް ގޮތަށް އޮންނަ، އެކި ކުލައިން ތައްޔާރުކޮށްފައިވާ ސައިބޯންޏެކެވެ. ލަޝް ބްރޭންޑަކީ އެކި ޒާތުގެ ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ސައިބޯނި، ސްކްރަބް ލޯޝަން ފަދަ ތަކެތި އުފައްދާ ބައެކެވެ. މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި އިންޓަނެޓުގައި ވައިރަލްވި ވީޑިއޯއެއްގެ ސަބަބުން ޝަވާ ޖެލީޒް ވަނީ ގިނަ ބައެއްގެ މެދުގައި އަނެއްކާވެސް މަގުބޫލު ވެފަ އެވެ.
ޝަވާ ޖެލީޒް އުފައްދާފައި ވަނީ ޖެލަޓިން ބޭނުންކޮށްގެނެއް ނޫނެވެ. ހަމައެކަނި ސީވީޑާއި ފަތްޕިލާވެލި، މޭވާ އަދި މީރު ވަސްދުވާ ތެޔޮ އެއްކޮށްގެނެވެ. ޖެލީ ގަނޑެއްހެން އޮންނަ މި ސައިބޯނި ފެންވަރާއިރު އުނގުޅާލެވިދާނެ އެވެ. ނުވަތަ ވަޅިއަކުން ކުދި ކޮށް ކޮށާލާފައި ބާތު ޓަބަށް ވެސް އަޅައިގެން ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން ފްރިޖުގައި ގިނައިރު ބޭއްވުމުން ފިނި ސައިބޯންޏެއް ގޮތަށް ވެސް ބޭނުންކޮށްލެވޭނެ އެެވެ. ޝަވާ ޖެލީޒްގެ އެންމެ ތަފާތު އަދި މަޖާ ސިފަ އަކީ ކުޅޭ އެއްޗެއް ގޮތަށް ވެސް ސިފަވުމެވެ. ފެންވަރާ ވަގުތު ކުޑައިރުގެ ހަނދާންތައް އާވެގެން ދާނެ އެވެ.