17 ސެޕްޓެމްބަރ 2017 - 06:06

އާމިރު ޚާން މިހާރު އަންނަނީ އަމީތާބު ބައްޗަންއާ އެކު "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިންގައި ބައިވެރި ވަމުންނެވެ. އާމިރަކީ އޭނާ ކުޅޭ ކޮންމެ ކެރެކްޓާއަކަށް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެ އެ ކެރެކްޓާއަކަށް ވަދެފައި ހުންނަ އެކްޓަރެއްގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ.
މިހާރު ކުޅެމުން އަންނަ ފިލްމުގެ ކެރެކްޓާ އަށް ވެސް އާމިރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ސޯޝަލް މީޑިއާގައި ލީކުވެފައިވާ އެ ފިލްމުގެ ސެޓުގެ ބައެއް މަންޒަރުތަކުން ޔަގީންވެ އެވެ.
އާމިރު ވަނީ "ދަންގަލް" ކުޅެން ފަލަވެފައި ހުރުމަށްފަހު މި ފިލްމަށްޓަކައި ވަރަށް ބޮޑަށް ހިއްކާލާފަ އެވެ. އަދި މި ދޭތެރެއަކުން ވަރަށް ބޮޑު ތުނބުޅިއެއް ވެސް ބަހައްޓައިގެން އުޅުނެވެ. ގިނަ ބަޔަކު ހީކުރީ އެއީ ވެސް "ތަގްސް އޮފް ހިންދުސްތާން" ގެ ކެރެކްޓާ ހުންނަ ގޮތް ކަމަށެވެ. ނަމަވެސް ލީކުވެގެން އުޅޭ ފޮޓޯތަކުގައި އާމިރު ހުރީ ބޮޑު ތުނބުޅިއެއް ލާފައެއް ނޫނެވެ. ނަމަވެސް މުޑުދާރު ސިފައެއްގައި ވަރަށް ބާ ހެދުމެއްގަ އެވެ.
ދިގު އިސްތަށިގަނޑަކާއި މަތިހެއްލާފައި ހުރިއިރު އާމިރު ފެންނަނީ ވަރަށް ހިކިކޮށް އެހާމެ ފިޓްކޮށް ހުއްޓަ އެވެ.
ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ "ތަގްސް އޮފް ހިންދުސްތާން" ގައި އާމިރު ކުޅެނީ ކަނޑުފޭރޭ މީހެއްގެ ރޯލު ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އާމިރުގެ ވަރަށް ގިނަ ފޭން ޕޭޖްތަކުގައި މި ފޮޓޯތައް މިހާރު ޕޯސްޓްކޮށްފައި ވާއިރު ފިލްމުގެ ޕްރޮޑިއުސަރު ޔާޝްރާޖް ފިލްމްސް އިން ހުކުރު ދުވަހު ވަނީ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފަ އެވެ. ޔާޝްރާޖް ފިލްމްސްގެ ބަޔާނުގައި ބުނީ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ. މި ފިލްމުގެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝެއިޚް އާއި ކެޓުރީނާ ކައިފެވެ.