16 ސެޕްޓެމްބަރ 2017 - 11:55

ލިވަޕޫލް (ސެޕްޓެމްބަރު 16) - ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން މަސައްކަތް ކުރި ލިވަޕޫލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ އަށް އެ ޓީމުގައި އޮތް ރޯލަށް ބަދަލެއް ނާންނަ ކަމަށާއި އޭނާ އަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ބާސެލޯނާ އިން ކުރި ތިން ބިޑަށް ވެސް ލިވަޕޫލުން ނޫނެކޭ ބުނިއިރު، ކުޓީނިއޯ ވަނީ އޭނާ ވިއްކާލަން ވެސް ކްލަބްގައި އެދިފަ އެވެ. އެހެން ނަމަވެސް ލިވަޕޫލުން ނިންމުން ބަދަލުނުކުރި އެވެ.
ކުޓީނިއޯ ކްލަބް ބަދަލުކުރަން އެދުމުން ލިވަޕޫލް ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަ ނުޖެހުން ސޯޝަލް މީޑިއާގައި ފާޅުކުރިއިރު، ކުރިން އޭނާ އަށް އެ ކްލަބް ސަޕޯޓަރުންގެ މެދުގައި އޮތް މަގުބޫލުކަން ގެއްލިދާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުނީ އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ 2-2 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޓީނިއޯ ވަނީ ކުޅެފަ އެވެ. އަދި މިރޭ ބާންލީއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ކުޓީނިއޯ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ކުޓީނިއޯ ސާބިތުކޮށްދީފި ފުރަތަމަ އެގާރައިގައި އޭނާ އަށް ކުޅެވިދާނެކަން. ސެވިއްޔާ މެޗުގައި ފެނިގެންދިޔަ ކުޓީނިއޯ އަށް ލިވަޕޫލް ސަޕޯޓަރުން މަރުހަބާ ކިޔާނެކަން. ލިވަޕޫލް އާއިލާ އިން އޭނާއާ ދޭތެރޭ ބެހެއްޓި ގާތްކަން ފެނުމުން އަހަރެން ވެސް އުފާވި،" ކްލޮޕް ބުންޏެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އަތުން 5-0 އިން ބަލިވެފައިވާއިރު، އެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ދެން އިނގިރޭސި މުބާރާތްތަކުގައި ކުޅޭ ތިން މެޗަށް ލިވަޕޫލްގެ ސަޑިއޯ މާނޭ ވަނީ ސަސްޕެންޑްވެފަ އެވެ. ކްލޮޕް ބުނީ މާނޭ ނެތްތަން ފޫބެއްދޭނެ ގޮތްތަކެއް އޭނާ އަށް އެނގޭ ކަމަށެވެ.
"މާނޭ ނެތްތަން ފޫބެއްދޭނެ ގޮތްތަކެއް އަަހަންނަށް އެނގޭ. އެ މަގާމަށް ކުޅެވޭނެ ކުޅުންތެރިން އެބަތިބި. އޮކްސް (ޗަމްބަލެއިން)، ފިރްމީނޯ އަދި ފިލް (ކުޓީނިއޯ) އަކީ މި މަގާމަށް ކުޅެވޭނެ ކުޅުންތެރިން،" އޭނާ ބުންޏެވެ.
ލިވަޕޫލްގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ އޮތީ ޓްރާންސްފާ މާކެޓްގައި ޑިފެންޑަރެއް ގެނެސްފައިނުވާތީ ކަމަށް ބުނާ ވާހަކަތަކަށް ކްލޮޕް ވަނީ ޖަވާބު ދީފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި މައްސަލަ އަކީ ޑިފެންޑަރެއް ނުގަތުމެއް ނޫން. ތިބި ޑިފެންޑަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުނުވަނީ. މި ކުޅުންތެރިންގެ އެ ކޮލިޓީ ނެތީއެއް ނޫން. ސަމާލުވާން ޖެހޭ ވަރަށް މަސައްކަތް ނުކުރެވެނީ،" ކްލޮޕް ބުންޏެވެ.
ލީގުގައި މިރޭ ލިވަޕޫލާއި ބާންލީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.