ބްރެޒިލްގެ ރައީސް އަށް ކޮރަޕްޝަނުގެ އާ ތުހުމަތުތަކެއް
ބްރެޒިލްގެ ރައީސް އަށް ކޮރަޕްޝަނުގެ އާ ތުހުމަތުތަކެއް

ބްރެސީލިއާ (ސެޕްޓެމްބަރު 15) - ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ބްރެޒިލްގެ ރައީސް މިޝޭލް ޓެމާގެ މައްޗަށް އަނެއްކާވެސް އާ ތުހުމަތުތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޓެމާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ހެކި ނައްތާލާ އިންސާފަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ޓެމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއްގަމު މަސް ބަންދުކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ޖޭބީއެސް އެސްއޭ އިން ރިޝްވަތު ނަންގަވާފައިވާ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ފެންނޭތޯ ބެލުމަށް އޮގަސްޓް މަހު ކޮންގްރެސްގެ ދަށު ގޭގައި ނެގި ވޯޓު ވަނީ ޓެމާ ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ޓެމާގެ ރައީސްކަމުގެ މުއްދަތު ހަމަވުމުން އެ މައްސަލަ ކޯޓުން ބެލޭނެ އެވެ. އޭނާގެ ދައުރު ޖެނުއަރީ 1، 2019 ގައި ހަމަވާނެ އެވެ.

ޓެމާގެ ކޮރަޕްޝަނުގެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ބުނެ ޖީބީއެސްގެ ކުރީގެ ޗެއާމަން އަދި ބިލިއަނާ ޖޯސްލީ ބެޓިސްޓާގެ މައްޗަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ދައުވާކޮށްފަ އެވެ. ބެޓިސްޓާ ވަނީ މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފަ އެވެ.