15 ސެޕްޓެމްބަރ 2017 - 21:43

ކޮލަމްބޯ (ސެޕްޓެމްބަރު 15) - އިނގިރޭސި ވިލާތުގެ ފައިނޭންޝަލް ޓައިމްސްގެ ނޫސްވެރިއަކަށް ލަންކާގެ ކޯރެއްގައި ކިނބުލެއް ހަމަލާދީ އޭނާ މަރާލައިފި އެވެ.

މަންޒަރު ދުށް މީހުން ބުނީ އުމުރުން 24 އަހަރުގެ ޕޯލް މެކްކްލީން އަށް ކިނބޫ ހަމަލާ ދިނީ އަރުގަމް ބޭ ކައިރީގައިވާ ކޯރަކުން އަތް ދޮންނަން ހުއްޓަ ކަމަށެވެ. ލަންކާ ފުލުހުން ބުނީ މެކްކްލީންގެ ހަށިގަނޑު ކަނޑުގެ ސިފައިން އެ ސަރަހައްދުން ހޯދާފައިވާ ކަމަށެވެ. ފުލުހުން އަދި ބުނީ އޭނާގެ ހަށިގަނޑު އޮތީ ކިސަޑުގެ ތެރޭގައި ކަމަށެވެ. އަދި ކަނާތު ފައިގެ ހަތެއް ނޫނީ ހަތް ތަނަށް ކިނބޫ ހަމަލާދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މެކްކްލީންގެ މަރާ ގުޅިގެން ހިތާމަ ފާޅުކޮށް ފައިނޭންޝަލް ޓައިމްސް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އޮކްސްފޯޑް ޔުނިވާސިޓީން ތައުލީމް ހާސިލްކޮށްފައިވާ މެކްކްލީންނަށް ކިނބޫ ހަމަލާ ދިނީ އޭނާ ލަންކާގައި ރަހުމަތްތެރިންތަކަކާ އެކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.
ކިނބޫ ހަމަލާ ދިން އަރުގަމް ބޭ ކައިރީގައި އޮންނަ އެލަފަންޓް ރޮކަކީ ލަންކާގެ އިރު ދެކުނުގައި އޮންނަ ރާޅާއަޅަން މަޝްހޫރު ޕޮއިންޓެކެވެ. މިއީ ވެރިރަށް ކޮލަމްބޯގެ އިރުން 225 މޭލު ދުރުގައި އޮންނަ ތަނެކެވެ. އެ ހިސާބުގެ މަސްވެރިން ބުނާ ގޮތުގައި މިއީ އެ ކޯރުން ކިނބުލެއް ހަމަލާދީގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ވަނީ ކިނބޫ ހަމަލާ ދިނުމުގެ ތިން ހާދިސާއެއް ހިނގައިފަ އެވެ.