15 ސެޕްޓެމްބަރ 2017 - 21:47

ރާއްޖެ އިން ބޭރުގައި ހުސްނުވާ އާސަންދަގެ ޚިދުމަތް ދިނުން މެދުނުކެނޑޭ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފި އެވެ.
އާސަންދަގެ ޚިދުމަތް ދޭ ރާއްޖެ އިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން އެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ވެސް އެތައް ދިވެހިންނެއް ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ފަރުވާ ހޯދުމަށް ފުރާފައިވާ ކަމަށެވެ. އަދި އެ ސްކީމުގެ ދަށުން ފަރުވާ ހޯދުމަށް މާދަމާ ވެސް އެތައް ބަޔަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ވީމާ އާންމު ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަމެއްގައި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދޭ ފަދަ ޚަބަރުތައް ނުފެތުރުމަށް އާސަންދަ ކުންފުނީގެ ފަރާތުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ތައާރަފުކުރި އާސަންދަ ސްކީމް، ހުސްނުވާ އާސަންދަ އަށް ބަދަލުކޮށް ޚިދުމަތް ދޭން ފެށީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.