15 ސެޕްޓެމްބަރ 2017 - 18:52

އިރުގެ ނިޒާމުގައި ހިމެނޭ ގޭހުގެ ބިޔަ ޕްލެނެޓް ސެޓާންގެ ވަށައި އެނބުރި، އެތައް ދިރާސާތަކެއް ހެދުމަށް ފަހު އެމެރިކާގެ ޖައްވީ އުޅަނދު ކެސީނީ ފުނޑުފުނޑުވެ، އޭގެ ދަތުރު މިއަދު ނިންމާލައިފި އެވެ.

އެކަމަކު 20 އަހަރުގެ ދަތުރުގެ ހަނދާންތަކާއި ޖައްވީ އިލްމުގެ ތެރެއަށް އޮއްސާލި އެތައް ބައިވަރު މައުލޫމާތުތަކެއްގެ ސަބަބުން ކެސީނީ އަކީ މިހާތަނަށް ހިންގި ޖައްވީ އެންމެ ކާމިޔާބު އެއް މަޝްރޫއު އެވެ.

ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި ވާ ސެޓާންގެ ވަރުގަދަ އެޓްމޮސްފިއާގެ ތެރޭގައި ކެސީނީއަށް ހިފަހައްޓާލެވުނީ، ބެލެވޭ ގޮތުގައި، 45 ސިކުންތުގެ ވަގުތުކޮޅަކަށެވެ. އެ ފުނޑުފުނޑުވެ، ހިރަފުހަށް ވެގެން ދިޔައީ ރާއްޖޭ ގަޑިން މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖަހާކަންހާ އިރު އެވެ.

ކެލިނޯފިޔާގައި ހުންނަ ޖެޓް ޕްރޮޕުލްޝަން ލެބޯރަޓަރީގައި ތިބި ކެސީނީ މަޝްރޫއުގެ އެންމެހާ ބައިވެރިންނާ މުހާތަބުކުރައްވާ ނާސާގެ އާލް މައިޒް އެންމެ ފުރަތަމަ ވެސް ވިދާޅުވީ "އެންމެންނަށް މަރުހަބާ" ކަމަށެވެ.

"މިއީ ހަމަ އާދަޔާހިލާފު މަޝްރޫއުއެއް، މިއީ ހަމަ އާދަޔާހިލާފު ޖައްވީ އުޅަނދެއް، އަދި ތިޔަ އެންމެންނަކީ ވެސް އާދަޔާހިލާފު ޓީމެއް،" މައިޒް ވިދާޅުވި އެވެ.

"މި މިޝަން މިހާ ހިސާބުން ނިމުނުކަން އިއުލާންކުރަން."




