ޖަޕާން މަތިން ދެ ވަނަ މިސައިލެއް ނޯތު ކޮރެއާ އިން ފޮނުވާލައިފި
ޖަޕާން މަތިން ދެ ވަނަ މިސައިލެއް ނޯތު ކޮރެއާ އިން ފޮނުވާލައިފި

ޕިއޮންޔޮން (ސެޕްޓެމްބަރު 15) - ޖަޕާން މަތިން ނޯތު ކޮރެއާ އިން ދެ ވަނަ މިސައިލެއް މިއަދު ފޮނުވާލައިފި އެވެ.

މި މިސައިލް ފޮނުވާލާފައި މިވަނީ ނޯތު ކޮރެއާ އިން ބާރުގަދަ ނިއުކްލިއާ ބޮމެއް ޓެސްޓްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ނޯތު ކޮރެއާ އިން އެންމެ ފަހުން ފޮނުވާލި މިސައިލް ވަނީ 770 ކިލޯ މީޓަރު (478 މޭލު) މަތިން، 3،700 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށް ސައުތު ކޮރެއާ އިން ބުންޏެވެ. މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ ހޮކައިޑޯ ކަނޑަށެވެ.

ނޯތު ކޮރެއާ އިން މިދިޔަ މަހު ވެސް ވަނީ ޖަޕާން މަތިން މިސައިލެއް ފޮނުވާލައިފަ އެވެ. އެކަމަކު އެންމެ ފަހުން ފޮނުވާލި މިސައިލް ވަނީ ކުރިން ފޮނުވާލި މިސައިލަށް ވުރެ އުހުން އަދި ދުރަށް ދަތުރުކޮށްފަ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ނޯތު ކޮރެއާ އިން ކުރަމުން ގެންދާ މި ބާވަތުގެ ނުރައްކާ ކަންކަމަށް ދެން ކެތް ނުކުރެވޭނެ ކަމަށެވެ.

ނޯތު ކޮރެއާ އިން މިސައިލް ފޮނުވާލިތާ މާގިނައިރެއް ނުވެ އެއަށް ރައްދު ދިނުމުގެ ގޮތުން ސައުތު ކޮރެއާ އިން ވަނީ ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ދެ މިސައިލް ވެއްޓިފައި ވަނީ ކަނޑަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ ނޯތު ކޮރެއާގެ މިސައިލް ޓެސްޓް ކުށްވެރި ކުރައްވައިފަ އެވެ. އަދި އެމެރިކާ އާއި ޖަޕާނުގެ އެދުމަކަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޯތު ކޮރެއާ އިން ޖަޕާން މަތިން މިސައިލެއް ފޮނުވާލާފައި މި ވަނީ އެ ގައުމުން މި މަހު 3 ވަނަ ދުވަހު ކުރި ނިއުކްލިއާ ބޮމުގެ ޓެސްޓާ ގުޅިގެން ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ވަނިކޮށެވެ. އެންމެ ފަހުން އެޅި ފިޔަވަޅުން ނޯތު ކޮރެއާ އަށް އަހަރަކު 1.3 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.